އައްޑޫ ސިޓީ މީދޫ މަތިކިޅީގައި އިއްޔެ ރޯވި އަލިފާން ބޮޑު ސަރަޙައްދަކަށް ފެތުރުނު ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ބުނެފިއެވެ.
މީދޫގެ މަތިކިޅީގައި އީކޯ ގާޑަނެއް ހަދާފައިވާއިރު، މިތަނަކީ އައްޑޫގެ އެންމެ ރީތި އެއް ތަނެވެ. އަދި އައްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދިވެހިންގެ މެދުގައި ވެސް މަޤްބޫލު ތަނެކެވެ.
އިއްޔެ ހަވީރު ރޯވި އަލިފާން ބޮޑު ސަރަޙައްދަކަށް ފެތުރުނު ނަމަވެސް، އެމްއެންޑިއެފުން ބުނީ ގިނަ ފަރާތްތަކެއްގެ މަސައްކަތުން ތިން ގަޑިއެއްހާއިރު ތެރޭގައި އެ އަލިފާން ވަނީ ނިއްވާލެވިފައެވެ.
އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވާ ގޮތުގައި، އަލިފާން ރޯވިކަމުގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް ލިބުނީ އިއްޔެ ހަވީރު 17:30 ހާއިރުއެވެ.
ހަމަ އެއާއެކު ވަގުތުން ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންނާއި، އެ ކޮމާންޑްގެ ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންގެ އިތުރުން ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި، އައްޑޫ ސިޓީ ކައުންސިލްގެ މީދޫ އަވަށު އޮފީހުގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ވެސް ބައިވެރިވިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާ ގޮތުގައި، ގިނަ ފަރާތްތަކުގެ މަސައްކަތާއެކު އަލިފާން ނިއްވާލެވުނީ ރޭ 20:40 ހާއިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.









