ލ. އަތޮޅުގައި އަންހެނަކަށް ފުރައްސާރަކޮށް، އޭނާގެ ވީޑިއޯ ނެގުމަށް މަސައްކަތްކުރި ކަމަށް ތުހުމަތު ކުރެވޭ ދެފިރިހެނެއްގެ މައްސަލައިގެ ތަޙުޤީޤު ކުރިއަށް ދާއިރު، އެ މައްސަލައިގައި ޝާމިލްވާ ފަރާތްތަކެއްގެ ބަޔާންތަކާއި، މަންޒަރު ދުށް ފަރާތްތަކުގެ ބަޔާންތައް ފުލުހުން ނަގައިފިއެވެ.
ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓުކުރި ފަރާތުގެ ބަޔާން ވެސް މިހާރު ނަގައި ނިމިފައިވާ ކަމަށާއި އެހެންނަމަވެސް، މައްސަލައިގައި ތުހުމަތު ކުރެވޭ އެއް ފަރާތެއް މިއަދު ޕޮލިހަށް ހާޟިރުވުމަށް އަންގާފައި ވާއިރު، އޭނާއަށް ބަޔަކު އިންޒާރުދޭ ކަމަށް ބުނެ މިއަދު ޕޮލިހަށް ހާޟިރު ވެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޝިފާން ވިދާޅުވީ، އިންޒާރުދޭ މައްްސަލަ ވެސް ބަލަމުންދާ ކަމަށެވެ. ނަމަވެސް ތަޙްޤީޤު ކުރަމުންދާ މައްސަލައަކަށް ވާތީވެ އިތުރު ތަފްޞީލެއް ނުދެއްވައެވެ.
މި މައްސަލައަކީ މިއަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހުގެ ހަވީރު 6:34 ހާއިރު ލ. ގަމުން ލ. ފޮނަދޫއަށް ސައިކަލުގައި ދުއްވާފައި ދިޔަ ދިވެހި އަންހެނަކަށް، ދިވެހި ދެ ފިރިހެނަކު ފުރައްސާރަކޮށް، ގަދަކަމުން ފޯނު އަތުލަން މަސައްކަތްކޮށް އަދި ހެލްމެޓް އަތުލައި ވަލުތެރެއަށް އެއްލާލާފައިވާ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ މައްސަލައެކެވެ.









