މިރޭ ހުޅުމާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިރޭ 21:30 ގައި ހުޅުމާލޭ ފޭސް-2 ގެ ވިނަރެސް ފްލެޓް ދިމާ ބޭރުން ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ، މިރޭ ހަވާ އަރުވަނީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓެއްގައެވެ. މި ހަރަކާތަކީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ފަސްމިނެޓުގެ ހަރަކާތެކެވެ.
ސިފްކޯއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ އިވެންޓުތަކުގައި ވިޔަފާރި އުސޫލުން ހަވާ އަރުވައިދޭކަން ފާހަގަކޮށްލެވެއެވެ. މިފަދަ ހަރަކާތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވޭ ޚާއްޞަ އިވެންޓުތަކުގައި އާންމުކޮށް ފެންނަ މަންޒަރެކެވެ.









