ފ. ނިލަންދޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް ހިއްކަމުންދާ ބިން، ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތާއި އެއްގޮތަށް މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ނިންމޭނެ ކަމުގެ ޔަގީންކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދީފިއެވެ.
މި މަޝްރޫޢުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައި ވާއިރު، ގޮނޑުދޮށް ހިމާޔަތް ކުރުމަށް 2098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް އަދި 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު 27 ވަނަ ދުވަހު، 390 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އެމްޓީސީސީން ބުނީ، މިހާތަނަށް ބިން ހިއްކުމުގެ މަސައްކަތުގެ 24 އިންސައްތަ ވަނީ ނިމިފައެވެ. އަދި ކޮންޓްރެކްޓް ކުރެވިފައިވާ ގޮތަށް އަންނަ އެޕްރީލް މަހުގެ ނިޔަލަށް މަޝްރޫޢުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ނިލަންދޫ އެއަރޕޯޓަކީ މި ސަރުކާރުން ތަރައްޤީކުރުމަށް އިޢުލާނުކޮށްފައިވާ 12 އެއަރޕޯޓުގެ ތެރޭގައި ހިމެނޭ އެއަރޕޯޓެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، މި އެއަރޕޯޓް ތަރައްޤީ ކުރެވޭނީ ޖެޓް މަތިންދާބޯޓު ޖެއްސޭ ފެންވަރަށެވެ. އެގޮތުން 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކުރާ މި އެއަރޕޯޓަކީ އެންމެ ޒަމާނީ އެއަރޕޯޓަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
ނިލަންދެއަތޮޅު އުތުރުބުރި (ފ. އަތޮޅު) އަކީ ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. އަދި ނިލަންދޫއަކީ ސަރުކާރުން އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރަން ނިންމާފައިވާ 7 ރަށުގެ ތެރެއިން ރަށެކެވެ. މި ވަގުތު އެ ރަށުގައި ކުރިއަށްދާ އިތުރު މަސައްކަތްތަކުގެ ތެރޭގައި ބަނދަރު އިތުރަށް ތަރައްޤީކުރުމާއި ގިރާ ސަރަޙައްދުގައި ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.









