ލ. އަތޮޅުގައި އަންހެނަކަށް ފުރައްސާރަކޮށް، އޭނާގެ ވީޑިއޯ ނެގުމަށް މަސައްކަތްކުރި ދެ ފިރިހެނެއްގެ މައްސަލަ ބަލަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
ފުލުހުން ބުނީ މިއަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ލ. ފޮނަދޫ އަށް ސައިކަލުގައި ދިޔަ އަންހެނަކަށް ބަޔަކު ފުރައްސާރަކޮށް ވީޑިއޯ ކުރި މައްސަލައެއް، އެ ސާވިސްއަށް ހުށަހަޅާފައިވާ ކަމަށާއި، އެކަމާއި ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޝިފާން ވިދާޅުވީ، މިފަދަ މައްސަލަތައް ހުއްޓުވައި، ތަޙުޤީޤުކޮށް، އަދި މުޖުތަމަޢު ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ކުރާ މަސައްކަތަށް ޢާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށާއި، ލ. އަތޮޅުގައި ސައިލަކުން ދިޔަ އަންހެނަކަށް ފުރައްސާރަ ކުރިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގެ ތަޙުޤީޤު ކުރިޔަށްދާ ކަމަށެވެ،
މައްސަލަ ހުށަހެޅި އަންހެން މީހާ ސޯޝަލް މީޑިއާގައި ބުނި ގޮތުގައި، އޭނާ ގަމުން ފޮނަދޫ އަށް ސައިކަލުގައި ދަނިކޮށް، ދެ ފިރިހެނުން އޭނާގެ ފަހަތުން "ފޮލޯ" ކުރިކަމަށާއި އަދި ފުރައްސާރަކޮށް ވީޑިއޯކުރިއެވެ.
އެހެންކަމުން، އޭނާ ވެސް އެ ފިރިހެނުންގެ ވީޑިއޯ ނަގަން ފެށުމުން، އެކަކު ރުޅިއައިސް އޭނާގެ ފޯނު އަތުލަން މަސައްކަތް ކުރިކަމަށާއި، އެކަމުގެ ތެރޭގައި އޭނާއަށް ހާނިކަވި ކަަމަށް ވެސް ބުނެފައި ވެއެވެ.
އަންހެނުންނަށް ފުރައްސާރަ ކުރުމުގެ މައްސަލަ ދޭތެރެދޭތެރެއިން ރިޕޯޓް ކުރެއެވެ. މިފަދަ ޢަމަލުތައް ހުއްޓުވުމުގައި ފުލުހުން އިސް ދައުރެއް އަދާކުރާއިރު، ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކުރާކަން ވެސް ފާހަގަ ކުރެވެއެވެ.









