ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ޔުނައިޓެޑް ސްޓޭޓްސް އޮފީސް އޮފް ޑިފެންސް ކޯޕަރޭޝަން (އޯޑީސީ) ގުޅިގެން "ސީވިޝަން އެޕްލިކޭޝަން" ގެ އޮޕަރޭޓަރުން ތަމްރީނުކުރާ ކޯހެއް ހިންގައިފިއެވެ.

މި މަހުގެ 19 އިން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ކޯހުގައި 21 ބައިވެރިޔަކު ބައިވެރިވެ، ކޯސް ފުރިހަމަ ކޮށްފައި ވެއެވެ. ކޯސް ނިންމުމުގެ ގޮތުން މިއަދު ބަންޑާރަކޮށި އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި، ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވީ ކޯސްޓްގާޑްގެ ޓްރެއިނިންގ ޑިވެލޮޕްމެންޓް އެންޑް ރިސަރޗް ޑިޕާޓްމަންޓްގެ ޑައިރެކްޓަރ، ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރެވެ.

މި ތަމްރީނު ކޯހުގައި ސީވިޝަން އެޕްލިކޭޝަން ފައިދާހުރި ގޮތެއްގައި ބޭނުންކުރުމަށް ކޮންމެހެން ބޭނުންވާ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދީފައި ވެއެވެ. އެގޮތުން ސީވިޝަން އެޕްލިކޭޝަން ބޭނުންކުރާނެ ގޮތާއި، އެ ޓޫލް ބޭނުންކޮށްގެން މެރިޓައިމް ޓްރެފިކް މޮނިޓަރ ކުރާނެ ގޮތާއި އުޅަނދުތަކުގެ މަޢުލޫމާތުތައް ދެނެގަންނާނެ ގޮތްތައް ދަސްކޮށްދީފައި ވެއެވެ. މީގެ އިތުރުން އުޅަނދުތަކުގެ ސަސްޕިޝަސް މޫވްމަންޓް ދެނެގަންނާނެ ގޮތާއި ސީވިޝަންގެ އެކި ޓޫލްސްތައް ބޭނުންކޮށްގެން އުޅަނދުފަހަރުގެ މަޢުލޫމާތު ހޯދާނެ ގޮތްވެސް ވަނީ ދަސްކޮށްދީފައި ކަމަށާއި، މި ތަމްރީނުގައި އެމްއެންޑީއެފްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންވެސް ބައިވެރިވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.