ރާއްޖެއަށް މިދިޔަ މަހު 5.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސް އިން ވަނީ އެ އިދާރާގެ މިދިޔަ މަހު ތަފާސްހިސާބުތައް މިއަދު އާންމުކޮށްފައެވެ.
އެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި ތެލާއި އެހެނިހެން މުދާ ހިމެނޭ ގޮތަށް މިދިޔަ މަހު ވަނީ ޖުމްލަ 5.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އިމްޕޯޓްކޮށްފައެވެ. ތެޔޮ ނުލާ އެއީ 4.7 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި މިދިޔަ މަހު ވަނީ 116 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައެވެ.
ކަސްޓަމްސް އަށް އާމްދަނީގެ ގޮތުގައި މިދިޔަ މަހު 301 މިލިއަން ރުފިޔާ ލިބުނުއިރު، ރޯޔަލްޓީގެ ގޮތުގައި 14 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިދިޔަ މަހު އެންމެ ގިނައިން ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ ކާބޯތަކެއްޗެވެ. އެއީ 1.2 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި ދެވަނައަށް އެންމެ ގިނައިން ތެޔޮ އިމްޕޯޓްކޮށްފައިވާއިރު، ތެލަށް ވަނީ 1.1 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ.
އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައި ވަނީ ޔޫއޭއީ އިންނެވެ. މިދިޔަ މަހު އިމްޕޯޓްކުރި މުދަލުގެ %26 ޙިއްސާކުރަނީ އެ ޤައުމުންނެވެ.
ދެން އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައި ވަނީ ސިންގަޕޫރާއި ޗައިނާ އާއި އިންޑިއާ އަދި މެލޭޝިއާ އިންނެވެ.










