ހއ، އަތޮޅުގެ ސްކޫލްތަކުން ބާއްވާ ސްޓަޑީ ކޭމްޕުތަކަށް އެ އަތޮޅު ކައުންސިލުން މާލީ އެހީތެރިކަން ދޭ ނިންމައިފިއެވެ.
ހއ. އަތޮޅު ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަންނީ ޤާބިލް މީހުންގެ އެހީތެރިކަން ދަރިވަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ސްކޫލްތަކުން ހިންގާ ސްޓަޑީ ކޭމްޕްތަކަށް، އެ ކައުންސިލުން ނިންމާފައިވާ ގޮތުގެ މަތިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސްޓަޑީ ކޭމްޕް ބޭއްވުމަށް މާލީ އެހީތެރިކަން ބޭނުންވާ ހއ. އަތޮޅުގެ ރަށްރަށުގެ ސްކޫލްތަކުން މި މަހު 29 ގެ ކުރިން، އެކަމަށް ޚާއްސަކޮށްފައިވާ ފޯމު ކައުންސިލަށް ހުށަހެޅުމަށް އެ އިޢުލާނުގައި ބުންޏެވެ.
ކައުންސިލްގެ އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެ ކަމަށް އެ އިޢުލާނުގައިވެއެވެ.
މިއީ ކައުންސިލަކުން މިކަހަލަ ކަމަކަށް މާލީ އެހީތެރިކަން ދޭން ނިންމި ފުރަތަމަ ފަހަރެވެ. ނަމަވެސް، މީގެ ކުރިން ވެސް އެހެން ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވަނީ އެހެން ކަންކަމުގައި ސްކޫލްތަކަށް މާލީ އެހީތެރިކަން ދީފައެވެ.