ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރީ (ރ) އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މިއަދުގެ އެންމެ ފަހު މަންޒިލް ކަމަށްވާ އެ އަތޮޅު އިންނަމާދޫ އަށް ވަޑައިގެންނެވުމުން، އެރަށު ކުދިބޮޑު ރައްޔިތުން ނުކުމެ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

މިއަދުގެ ކުރީކޮޅު ރައީސް ވަޑައިގެންނެވި ހުޅުދުއްފާރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމް މެޝިންތައް ބެހެއްޓުމަށް އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އަދި ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢު އަވަހަށް ފެށޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ދެން ވަޑައިގެންނެވި މަޑުއްވަރީގައި ރައީސް ވަނީ އައު ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވާފައެވެ. މިއީ ދެފަންގިފިލާގެ ޢިމާރާތެކެވެ.

ރަސްމާދޫގައި ވެސް ކައުންސިލް އިދާރާއެއްގެ ބިންގާ އަޅުއްވާފައިވާއިރު އެރަށުގައި ހައުސިންގ ޕްރޮޖެކްޓެއް ވެސް ހިންގަވާނެ ކަމަށް ވަނީ އިޢުލާން ކުތައްވާފައެވެ. އެރަށަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންނެވިއިރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓިއެމް އެއް އެރަށުގައި ބެހެއްޓިމަށް އެ ބޭންކާއި ރަސްމާދޫ ކައުންސިލާއި ދެމެދު އެއްބަސްވުމުގައި ސޮއި ކުރިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށާއި، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ހާލަތު ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ގިނަ މަޝްރޫޢުތަކެއް އިޢުލާންކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެނގިފައިވާ ގޮތުގައި އިންނަމާދޫގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒާއި ކައުންސިލް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވުމުގެ އިތުރުން، އެރަށުގެ ވޮލީކޯޓު ވެސް ރަސްމީކޮށް ހުޅުއްވައިދެއްވާނެއެވެ.