ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ރަސްމާދޫގައި އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށްޓަކައި ކުރަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ މުހިންމު ކަންކަން ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށާއި، ރަށުގެ ފެންބޮޑުވާ ސަރަހައްދު ތަކުގައި ފެންހިންދާ ނިޒާމެއް ގާއިމުކޮށްދިނުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން، ރަށުގެ ގިރާ ސަރަހައްދުގެ މައްސަލަ ހައްލުކޮށްދިނުމަށާއި، ރަށުގެ މޫދަށް އެރޭ ސަރަހައްދު ރައްކާތެރިކޮށްދިނުމަށް ވެސް ކައުންސިލުން އެދިވަޑައިގެންފައިވެއެވެ. އަދި ރަސްމާދޫ ސްކޫލުގައި ބިނާކުރަމުންދާ އައު އިމާރާތުގެ މަސައްކަތް އަވަހަށް ފުރިހަމަކޮށްދިނުމަށް ވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމާދޫގައި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ރަސްމާދޫގެ ތަރައްޤީއަށް އިސްކަންދޭ ކަންކަމާމެދު މަޝްވަރާކުރެއްވުމާއެކު، ރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ސާފުކުރެއްވިއެވެ. އަދި އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރައްވާނެކަމުގެ ފުރިހަމަ ޔަޤިން ކަން އެމަނިކުފާނު ދެއްވިއެވެ.









