ރ. ރަސްމާދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ބެހެއްޓުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ރަސްމާދޫގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައެވެ.
އެއްބަސްވުމުގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން، ބަދުރުއްދީން ޙަސަނެވެ. ރަސްމާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ފައިޞަލް ނަސީމެވެ.
މުޅި ރާއްޖެއަށް ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާހު ކޮށްފައި ވަނީ ފާއިތުވެ ދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫޢާއެކު ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ.
ސަރުކާރުން ވަނީ 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް ނިންމާފައެވެ. މިހާރު ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް އިތުރު 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.









