ހައުސިންގ މަޝްރޫޢަކާއެކު މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދަވާނެ ކަމުގެ އުފާވެރި ޚަބަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށު ރައްޔިތުންނަށް ދެއްވައިދިއެވެ
ރ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ މިއަދުގެ ތިންވަނަ މަންޒިލް ކަމުގައިވާ ރަސްމާދޫއަށް ވަޑައިގެންނެވުމުން، އެ ރަށުގެ ރައްޔިތުން ވަނީ ރައީސަށް ރަތްދޫލައިގެ މަރުޙަބާއެއް ދަންނަވާފައެވެ އެމަނިކުފާނާއި ސަލާމް ކުރުމަށްޓަކައި ރަށުގެ މަގުތަކުގަ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ޤައުމީ ދިދައާއިއެކު ސަފުތައް ހަދައިގެން ތިބިކަން ފާހަގަ ކުރެވެއެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެއްވެސް ވަރަކަށް ފައިސާ ޗާޕްނުކޮށް އަދި ޑިފޯލްޓް ނުވެ، ކެމްޕޭނުގައި ވީ ވަޢުދުތައް މި އަހަރާއި އަންނަ އަހަރު ހުރިހާ ރަށެއްގައި ޢަމަލީ ސިފަ ގެނައުމަށް ޕްލޭންކޮށްފައިވާ ކަމަށެވެ. އަދި ބަޖެޓުކޮށްފައިވާ ގޮތަށް، ހުރިހާ ރައްޔިތުންނަށް ވެސް އެންމެ މުހިންމު ބޯހިޔާވަހިކަން ރަސްމާދޫ ރައްޔިތުންނަށް ވެސް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. "އާދެ މިއަހަރު ބަޖެޓުގައި އެންމެ އިސްކަމެއް ދިނީ ހުރިހާ ރަށެއްގެ ވެސް އެންމެ ބޮޑު ކަންބޮޑުވުން ކަމަށްވާ ބޯހިޔާވަހިކަމަށް…އިރާދަކުރެއްވިއްޔާ…މިރަށުގައި ހައުސިންޔުނިޓްގެ މަޝްރޫއެއް ކުރިޔަށްގެންދާނަން” ރައީސް ވިދާޅުވިއެވެ.
ރަސްމާދޫގެ ރައްޔިތުންމަށް ރައީސް ދެއްވި އުފާވެރި ޚަބަރުތައް:
1. ރަސްމާދޫގައި ހައުސިންގ ޔުނިޓްތަކުގެ މަޝްރޫޢެއް ކުރިއަށްގެންދިއުމާއި،
2. ގޮނޑުދޮށް ހިމާޔަތްކުރުމަތްކުރުމާއި މޫދަށް އެރޭނެ ތަނެއް ހެދުމާއި،
3. ހުއްޓިފައިވާ ފެނުގެ ނިޒާމުގެ މަސައްކަތް އަވަހަށް ފެށުމާއި،
4. ސްކޫލް އިމާރާތުގެ މަސައްކަތް ނިންމަވައިދެއްވައި އެތަނަށް ބޭނުންވާ އިތުރު ވަޞީލަތްތައް ހޯދައިދެއްވުމާއި،
5. ޞިއްޙީ މަރުކަޒުގައި ލެބޯޓަރީއެއް އިތުރުކޮށް ޖާގަ އިތުރުކުރުމާއި،
6. ފުޓުބޯޅަ ދަނޑެއް ތަރައްޤީކުރުމާއި ފިޓްނަސްއާއި ގުޅުންހުރި ކަންތައްތައް ތަރައްޤި ކުރުމާއި،
7. ޕޮލިސް ޕޯސްޓެއް ގާއިމުކުރުން ހިމެނެއެވެ.
ރައީސް ވިދާޅުވީ މި މަޝްރޫޢުތައް ނިމުމުން، ދެން އެމަނިކުފާނު އަލުން ރަސްމާދޫއަށް ވަޑައިގަންނަވާނީ އެ މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށް ކަމަށެވެ.









