ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މިއަދުގެ ކުރީކޮޅު ހުޅުދުއްފާރަށާއި މަޑުއްވަރީއަށް ވަޑައިގެންނެވުމަށްފަހު، ރައީސް ދެން ވަޑައިގަންނަވަނީ އެ އަތޮޅުގެ ރަސްމާދޫ އަށެވެ.
މި ދަތުރުފުޅަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. ރަސްމާދޫގައި ވެސް ރައީސް ރައްޔިތުންނާއި، ކައުންސިލާއި އަދި އަންހެނުންގެ ކޮމިޓީއާއި ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްޤީއާއި ގުޅޭ ކަންކަމާއި މެދު މަޝްވަރާކުރައްވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި މިއަދު މިހާތަނަށް ވަޑައިގެންނެވި ދެ ރަށުގައި ވެސް ތަރައްޤީގެ އެކި މަޝްރޫޢުތައް އިޢުލާންކުރައްވާފައިވެ އެވެ. މީގެ ތެރޭގައި ހުޅުދުއްފާރުގައި އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފެށުމާއި، މަޑުއްވަރީގައި އައު ކައުންސިލް އިދާރާގެ ބިންގާ އެޅުން ހިމެނެއެވެ.
ރައީސް މުޢިއްޒުގެ އަމާޒަކީ އެމަނިކުފާނުގެ ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގަތުން ކަމަށް ވަނީ ވިދާޅުވެފައެވެ.









