ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ރ. ހުޅުދުއްފާރުގައި ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށްޓަކައި ކުރަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ކައުންސިލަރުން ވަނީ ހުޅުދުއްފާރުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ރަށަށް ދަނާލެއް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށާއި، މަގު ހެދުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި، ބަނދަރުގެ ބޭރުތޮށި ބޭނުންކުރެވޭ ގޮތަށް ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ކައުންސިލުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގައި އަލަށް އާބާދުވާ ސަރަޙައްދުގައި އަސާސީ ވަސީލަތްތައް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، އެ ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމުގެ މުހިންމުކަން ހިމެނެއެވެ. އަދި ރަށުގެ ހެލްތު ސެންޓަރަށް ބޭނުންވާ ކަންތައްތަކުގެ މަޢުލޫމާތު ވެސް ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާކުރެއްވިއެވެ.
ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމަށެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައި ވެއެވެ.