ކުރީ ސަރުކާރުގައި ފެށި ގިނަ މަޝްރޫއުތައް އޭރުވެސް ހުރީ ހުއްޓިފައި: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 271 ދުވަސް ކުރިން - 22 ޖެނުއަރީ 2025 12:45
ރައީސް ހުޅުދުއްފާރު ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން. އެމަނިކުފާނު ވެރިކަމާއި ޙަވާލުވެވަޑައިގެންނެވިއިރު ހުޅުދުއްފާރުގެ ތަރައްޤީގެ މަސައްކަތް އޮތީ މުޅިން ހުއްޓިފައި.
ރައީސް ހުޅުދުއްފާރު ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން. އެމަނިކުފާނު ވެރިކަމާއި ޙަވާލުވެވަޑައިގެންނެވިއިރު ހުޅުދުއްފާރުގެ ތަރައްޤީގެ މަސައްކަތް އޮތީ މުޅިން ހުއްޓިފައި.
ޚުލާސާ

ރައީސް ވިދާޅުވީ ގިނަ ރަށްރަށުގައި ކުރީ ސަރުކާރުން ފެށި ހުރިހާ މަސައްކަތެއް ވެސް، އެމަނިކުފާނު ވެރިކަމާއި ޙަވާލުވިއިރު ހުރީ މުޅީން ހުއްޓިފައި.

ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގައި ފެށި ގިނަ މަޝްރޫއުތައް އޭރުވެސް (މިސަރުކާރު ވެރިކަމާއި ޙަވާލުވިއިރު ވެސް) ހުރީ ހުއްޓިފައި ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިފަދައިން ރައީސް ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރ. ހުޅުދުއްފާރަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅާއި ބެހޭ ގޮތުން ރައީސް ވިދާޅުވީ މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގެ ތަރައްޤީއަށް ކުރަން ފަށާފައިވާ މަސައްކަތްތަކާއި، ވައުދުވެވަޑައިގެންފައިވާ ކަންކަން ބާރު ސްޕީޑެއްގައި މިއަހަރު ތެރޭގައި ނިންމައިދިނުމާއި، އަލަށް ފަށަންހުރި މަޝްރޫޢުތައް ފަށައިދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވުން ކަމަށެވެ.

"ކުރީގެ ސަރުކާރުގައި ފެށި އަދި އޭރު ހުއްޓިފައި، މިހާރުވެސް މާބޮޑު ކުރިއެރުމެއް ނައިސް ހުރި މަޝްރޫޢުތަކެއް އެބަހުރި," ރައީސް މުއިއްޒު ވިދާޅުވިއެވެ. "މިއީ ހަމައެކަނި މި ރަށުގެ މައްސަލައެއް ނޫން. އެހެން ރަށްރަށުގައިވެސް ގާތްގަނޑަކަށް އެއް ސަބަބުތަކަކާ ހެދި ހުއްޓިފައި ހުރި ކަންކަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަޝްރޫޢުތަކުގެ ތެރެއިން ގިނަ މަޝްރޫޢުތަކަކީ ކުރީގައި ބައެއް ކުންފުނިތަކާ ހަވާލުކޮށް، އެކަންކަން ރަނގަޅަށް ނުގޮސް ހުއްޓިފައިހުރި މަޝްރޫޢުތަކެވެ. ނަމަވެސް، މިހާރު މި މައްސަލަތަކަށް ހައްލުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޚާއްޞަކޮށް ހުޅުދުއްފާރުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢު ހުއްޓިފައިވަނީ އެމް.ޓީ.ސީ.ސީ އަށް ބޮޑުހިލަ ނުލިބުމުގެ ސަބަބުން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. "މިހާރު އެކަމަށް ހައްލެއް ހޯދައިދެވިފައިވާނެ. ގިނަ އަދަދެއްގެ ބޮޑުހިލަ ވަރަށް އަވަހަށް ސަޕްލައި ކުރެވޭނެ ގޮތްތަކެއް މިހާރު ހަމަޖައްސައި ދެވިފައިވާނެ," އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް މަސްތަކުގައި ޝެޑިއުލެއްގެ ދަށުން ރާއްޖޭގައި އެމް.ޓީ.ސީ.ސީ އިން ބޮޑުހިލަ ޖައްސަންޖެހިފައިވާ މަޝްރޫޢުތައް، އެއީ ގިރާ ސަރަހައްދާއި ބަނދަރުގެ މަޝްރޫޢުތައް ހިނގަން ފަށާނެ ކަމަށެވެ.

މީގެއިތުރުން، ހުޅުދުއްފާރުގެ ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި، ރަށުގެ ތަރައްޤީއަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބު ބައްލަވާލެއްވިކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެކަންކަމާ ހަވާލުވެ ތިއްބެވި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރައްވައި، މަޝްވަރާ ކުރެއްވިކަމަށާއި، އެ މަޝްރޫޢުތައް ކުރިއަށްދާނެ ގޮތްވެސް ސާފުކޮށްދެއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ހާލަތު ބައްލަވާލެއްވުމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތަކުގެ ތެރެއިން ގިނަ މަޝްރޫޢުތަކެއް ހުއްޓިހުއްޓިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި މައްސަލަތަކަށް ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އެމަނިކުފާނު ދެއްވާފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%