ސްކޫލުތައް ފިނިކުރުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން، އިޢާދަކުރަނިވި ހަކަތައިގެ ނިޒާމު ބޭނުންކޮށްގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރ. ހުޅުދުއްފާރު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ހޫނުގަދަ ރަށްރަށުގައި ސްކޫލްތައް ފިނިކުރެވެން ޖެހޭ ކަމަށާއި، އެކަމަށް މަޝްރޫޢެއް ފަށްޓަވާފައިވާ ކަމަށެވެ. އެ މަޝްރޫޢު ހިންގާނީ އިއާދަކުރަނިވި ހަކަތައިންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމަޝްރޫޢަށް ރަނގަޅު ކުރިއެރުމެއް ލިބިފައިވާކަމަށެވެ. މިއަހަރުތެރޭގައި ހުޅުދުއްފާރު ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތައް އިއާދަކުރަނިވި ހަކި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސައްކަތްކުރައްވަނީ ސެޕްޓެމްބަރު މަހުގެ ކުރިން އެ މަޝްރޫޢު ނިންމެވުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ހުޅުދުއްފާރުގެ ތަރައްޤީއަށް ފަށާފައިވާ މަޝްރޫޢުތަކާއި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމާއި އައު މަޝްރޫޢުތައް ފަށައި އެމަސައްކަތްތައް ބާރު ސްޕީޑުގައި މިއަހަރު ކުރިއަށް ގެންދިއުމަކީ ރައްޔިތުންނަށް ދެއްވާނެ ޔަޤީންކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ހުޅުދުއްފާރު ސްކޫލަށް 12 ކްލާސް ރޫމް އިތުރުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދެވޭނެ ގޮތް ހަދައި އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށާއި، ސްކޫލަށް އޮފީސް ޖާގަ އިތުރުކޮށް އެނޫންވެސް ވަސީލަތްތައް ހޯއްދަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ އުންމީދާ ގުޅިފައިވާ ހުރިހާ ކަމެއްވެސް ކުރިއަށް ދާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ކަންކަން ފަހިވާނެ ގޮތްތައް ހޯދައިގެން ކުރިއަށްދާ ކަމަށެވެ. އަބަދުވެސް މަސައްކަތްކުރައްވާނީ ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށް އެ އަމާޒަށް ވާސިލްވުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.