ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ރ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު ހުޅުުއްފާރަށް ވަޑައިގެންނެވުމާއެކު އެރަށު ކުދިބޮޑު ގިނަ ޢަދަދެއްގެ ރައްޔިތުން މަގުތަކަށް ނުކުމެ އެމަނިކުފާނަށް ރަތްދޫލައިގެ މަރުޙަބާއެއް ދަންނަވައިފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، މިހާތަނަށް ވާދޫ، ރަސްގެތީމު އަދި އަނގޮޅިތީމަށާއި އުނގޫފާރަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައިވެއެވެ. އަދި އެ ރަށްރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް އިޢުލާންކުރައްވާފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުދުއްފާރުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އެއް ބެހެއްޓުމަށް އެރަށު ކައުންސިލާއި ޙަވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޭޓީއެމްއެއް ބެހެއްޓުމަށް އެ ބޭންކާއި ހުޅުދުއްފާރު ކައުންސިލާއި ދެމެދު އެއްބަސްވުމުގައި ސޮއި ކުރުން ވެސް އޮންނާނެ އެވެ.
ރައީސްގެ މި ދަތުރުފުޅަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރ. އަތޮޅުގެ ގިނަ ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ. އަދި ރައީސްގެ އަމާޒަކީ އެމަނިކުފާނުގެ ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގަތުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.