ތުރުކީވިލާތުގެ ކާރްޓަލްކަޔާ ސްކީ ރިސޯޓުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާގައި 66 މީހުން މަރުވުމާ ގުޅިގެން، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މިއަދު ފަތިހުގެ ވަގުތެއްގައި ހިނގި މި ހިތާމަވެރި ޙާދިސާއާ ގުޅިގެން ރައީސް ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި، މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާ އެކުގައި ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މި ޙާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށާއި، ތުރުކީވިލާތުގެ ސަރުކާރަށާއި ރައްޔިތުންނަށް އަދި މި ޙާދިސާގެ ސަބަބުން އަސަރުކުރި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.
ތުރުކީވިލާތުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރައްވާފައިވާ ގޮތުގައި، މި ޙާދިސާ ހިނގީ ރިސޯޓުގެ ގްރޭންޑް ކާޓަލް ހޮޓެލުގެ ރެސްޓޯރަންޓެއްގައި ރޯވި އަލިފާންގަނޑެއް ފެތުރެން ފެށުމުންނެވެ. 11 ފަންގިފިލާގެ މި ހޮޓަލުގެ ކޮޓަރިތަކުގައި ތިބި ބައެއް މީހުން ވަނީ އަލިފާނުން ސަލާމަތްވުމަށްޓަކައި ކުޑަދޮރުތަކުން ބޭރަށް ފުއްމާފައެވެ. އަލިފާންގަނޑު ނިއްވައިލުމުގެ މަސައްކަތް ފެށިފައިވަނީ ހުޅުގަނޑު ރޯވިކަން ރިޕޯޓު ކުރިތާ 45 މިނެޓު ފަހުންނެވެ.
ތުރުކީވިލާތުގެ ޞިއްޙީ ވަޒީރު ކަމާލް މެމިސޮގްލު ވިދާޅުވި ގޮތުގައި، މި ޙާދިސާ ހިނގިއިރު ހޮޓަލުގެ ކޮޓަރިތަކުގައި 234 މީހުން ތިއްބެވެ. އަދި މި ޙާދިސާގައި 51 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.









