ރ. ރަސްގެތީމުގައި އޭޓީއެމް ބެހެއްޓުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރ. ރަސްގެތީމުގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން، ބަދުރުއްދީން ހަސަންއެވެ. އަދި ރ. ރަސްގެތީމުގެ ފަރާތުން ސޮއިކުރެއްވީ އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ފަޒީނެވެ.

ރަސްގެތީމުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް އެރަށު ކައުންސިލާއި ހަވާލުކޮށްފައި ވާއިރު، ހަމަ އެ އަތޮޅުގެ ވާދޫގައި ވެސް އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް އެރަށު ކައުންސިލާއި މިއަދު ހަވާލުކޮށްފައިވެއެވެ. ސަރުކާރުން ވަނީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށާއި، މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ނިންމާފައެވެ.

މިހާރު ވެސް ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ޚިދުމަތް ފޯރުކޮށްދެމުންނެވެ.