އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ދެ ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ ދެބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ ދައުރުން ބޭރުން މިއަދު ބޭއްވި ހާއްސަ ޖަލްސާގަ އެވެ.
އޭސީސީއަށް އައްޔަންކުރަން ފާސްކޮށްފައި ވަނީ މާލެ، މއ. ގޯލްޑަން މޫން، އަހުމަދު ނާޝިދު އާއި ރ. އަލިފުށި، ފަސާނާ، އަބްދުﷲ ނާޝިދު އެވެ.
އެ ދެ ބޭފުޅުން އޭސީސީއަށް އައްޔަންކުރަން ފާސްވީ މަޖިލީހުގައި ނެގި ވޯޓުން 68 މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ.
އޭސީސީގެ ދެ މެމްބަރުންގެ މަގާމު ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސަކަށް ކުރިން ހުންނެވި އަބްދުލްސަލާމާއި މެންބަރަކަށް ކުރިން ހުންނެވި ޠާޙާ މުހައްމަދަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވި، އެ ބޭފުޅުން ވަކިކުރަން މަޖިލީހުގެ ކޮމިޓީން މިދިޔަ ނޮވެމްބަރު މަހު ފާސް ކުރުމުން، އެ ދެ ބޭފުޅުން އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އޭސީސީގެ ހުސްވެފައިވާ ދެ މެންބަރުންގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ދެ ބޭފުޅުންނާއި އިންޓަވިއުކޮށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން ވަނީ މާކްސް ވެސް ދެއްވައިފައެވެ. އެ ދެ ބޭފުޅުންނަށް ވެސް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނެވެ.









