މިފްކޯގެ ބައެއް އައިސް ޕްލާންޓު ތަކަށް މައްސަލަ ދިމާވެ، އައިސް ލިބުން މެދުކެނޑިފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
މިފްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ސ. ހުޅުމީދޫ އައިސްޕްލާންޓުގެ އެއް ޔުނިޓުގެ ޑްރަމަށް މައްސަލައެއް ޖެހި، ދެވަނަ ޔުނިޓުގައި ގޭސް ލީކުވުމުގެ މައްސަލައެއް ކުރިމަތިވެފައި ވެއެވެ. އަދި ގދ. ގައްދޫ އާއި ތިނަދޫގެ އައިސް ޕްލާންޓުގެ ކޮންޑެންސަރު ޕަމްޕަށް މައްސަލައެއް ދިމާވެފައިވާ ކަމަށާއި، މި މައްސަލަތައް ހައްލުކުރުމަށް އިންޖިނިއަރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
އައިސް ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް މަސް ކިރުވުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މިފްކޯއަށް މަސްކިރާ ދޯނި ތަކަށް 10 ޓަނާއި ހަމައަށް ކްރެޑިޓަށް ނުވަތަ ފަހުން ފައިސާ ދައްކާ ގޮތަށް އައިސް ދޭން ފެށީ މިދިޔަ އޮގަސްޓު މަހުއެވެ.
މި މައްސަލައާއި ގުޅިގެން ބައެއް ރަށްރަށުގެ އައިސް ޕްލާންޓު ތަކުން އައިސް ނުލިބޭ ކަމަށް ބުނެ މަސްވެރިންތަކެއް ސޯޝަލް މީޑިއާގައި މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިފްކޯއިން ބުނެފައި ވަނީ މި މައްސަލަ ހައްލު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.









