މާލެއާއި ހުޅުމާލޭ ފެނުގެ ވިއުގަ ގުޅާލުމުގެ މަޝްރޫއު މިއަހަރުގެ ދެވަނަ ކުއާޓަރގައި ނިމޭނެ: އެމްޑަބްލިއުއެސްސީ

އައިޝަތު ރުވާ ރިފްޢަތު | 272 ދުވަސް ކުރިން - 20 ޖެނުއަރީ 2025 14:07
ފޮޓޯ: އެމްޑަބްލިއުއެސްސީ
ފޮޓޯ: އެމްޑަބްލިއުއެސްސީ
ޚުލާސާ

މި މަޝްރޫއު ނިމުމުން، މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ގަޑިއަކު 800 ޓަނުގެ ފެން ޕަންޕުކުރުމުގެ ޤާބިލުކަން ލިބިގެންދާނެ.

މިއަހަރުގެ ދެވަނަ ކުއާޓަރގައި މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަޝްރޫއު ނިމޭނެކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ހާމަކޮށްފިއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނިގޮތުގައި މި މަޝްރޫއުގެ 65 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. 2016 ވަނަ އަހަރު ފެށި މި މަޝްރޫއު ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށްފަހު، 2024 ވަނަ އަހަރު އަލުން ފަށައިގަނެވުނެވެ.

މި މަޝްރޫއުގެ ދަށުން މާލެއާއި ހުޅުމާލެއާ ދެމެދު 20 އިންޗި ޑައިމީޓަރުގެ 5 ކިލޯމީޓަރު ދިގު މައި ހޮޅިއެއް ވަނީ އަޅާފައެވެ. މިހާރު ކުރިއަށްދަނީ މި ހޮޅި ސާފުކޮށް، ޑިސްއިންފެކްޓް ކުރުމާއި ޕްރެޝަރ ޓެސްޓް ކުރުމުގެ މަސައްކަތެވެ.

އެމްޑަބްލިއުއެސްސީ އިން އިތުރަށް ހާމަކުރިގޮތުގައި މާލެއާއި ހުޅުމާލޭގައި ޤާއިމްކުރެވޭ ޓްރާންސްފަރ ޕަމްޕް ސްޓޭޝަންތަކުގެ ފައުންޑޭޝަން މަސައްކަތްތައް ނިމި، އިމާރާތުގެ އޮނިގަނޑުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. މާލޭގެ ޕަމްޕް ސްޓޭޝަންގެ 25 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ހުޅުމާލޭގެ ޕަމްޕް ސްޓޭޝަންގެ 60 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

މި މަޝްރޫއު ނިމުމުން، މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ގަޑިއަކު 800 ޓަނުގެ ފެން ޕަންޕުކުރުމުގެ ޤާބިލުކަން ލިބިގެންދާނެކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ބުނެފައިވެއެވެ. މީގެ ސަބަބުން މާލެ ސަރަހައްދުގެ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%