މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ ޗެއަރމަން ޝަމްހޫޒާ އަޙްމަދު އެ މަޤާމުން މިއަދު ވަކިކޮށްފި ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ބުނެފިއެވެ.

އެ ބޯޑުން ބުނީ، ޝަމްހޫޒާ އަޙްމަދު މިއަދުން ފެށިގެން އެމްޑަބްލިޔުއެސްސީގެ ޗެއަރމަންކަމުގެ މަޤާމުންނާއި ޑިރެކްޓަރުންގެ ބޯޑުންވެސް ވަކިކޮށްފައިވާ ކަަމަށެވެ.

ޝަމްހޫޒާ މަޤާމުން ވަކިކުރި ސަބަބެއް ހާމައެއް ނުކުރެއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އެކި ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން އަންނަނީ، ބަދަލުތައް ގެންނަވަމުންނެވެ.

އެމްޑަބްލިއުއެސްސީގެ ޗެއާޕާސަންގެ މަގާމަށް ޝަމްހޫޒާ އައްޔަނު ކުރީ 2023 ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އޭގެ ކުރިން އެ މަޤާމުގައި ހުންނެވި އަހުމަދު މައުސޫމު ވަނީ 28 މެއި 2023 ގައި އިސްތިއުފާ ދެއްވާފައެވެ.

މީގެ ކުރިން ޝަމްހޫޒާ ވަނީ މާލޭ ސިޓީ ކައުންސިލުގެ ކައުންސިލް އެގްޒެކެޓިވްގެ މަގާމާއި ހައުސިން މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ޢަބްދުލްމަތީން މުޙައްމަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މަޤާމަށް ޙުސެއިން ފަޙުމީ އައްޔަން ކުރެއްވީ މިދިޔަ އޭޕްރިލް މަހުގެ 12ވަނަ ދުވަހު ކަން ފާހަގަ ކުރެވެއެވެ.