ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ، ވަކި ޝަރުތުތަކަކާއެކު މައާފު ކޮށްދޭން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އަނެއްކާވެސް ނިންމައިފިއެވެ. މިކަމަށް ލުއިދޭނެ ގޮތުގެ އުސޫލު އެ ކުންފުނިން މިހާރު ވަނީ އާއްމުކޮށްފައެވެ.
އެމްޑަބްލިއުއެސްސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކަސްޓަމަރުންނަށް ފެން ބިލްތަކުގެ ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މައާފު ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ނިންމުމުގެ ދަށުން 31 ޑިސެމްބަރ 2025 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފު ކޮށްދެވޭނެއެވެ.
ޖޫރިމަނާ މައާފުކޮށްދިނުމުގައި އެމްޑަބްލިއުއެސްސީން ވަނީ ވަކި މުއްދަތުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ޖޫރިމަނާ މައާފު ކޮށްދެވޭނީ ޖޫރިމަނާ އަރާފައިވާ ތަންތަނުން ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ 01 އޭޕްރީލް 2026 އިން ފެށިގެން 31 ޑިސެމްބަރު 2026 އާއި ދެމެދު އެއްކޮށް ދައްކައި ހަލާސްކުރާ ކަސްޓަމަރުންނަށެވެ.
މީގެއިތުރުން، އެއްބަސްވުމެއްގެ ދަށުން ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ހަލާސްކުރަން އެދޭ ކަސްޓަމަރުންނަށްވެސް އެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ނަމަވެސް، މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މައާފް ކޮށްދެވޭނީ، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާ އެއްކޮށް ހަލާސް ކުރުމުންނެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ކެއާ ސެންޓަރު ނުވަތަ ހޮޓްލައިން 105 އަށް ގުޅުމަށް އެ ކުންފުނިން އެދެއެވެ. އަދި 1050 އަށް އެސްއެމްއެސްއެއް ފޮނުއްވުމުން ނުވަތަ [email protected] އަށް އީ-މެއިލް ކުރުމުންވެސް އެހީތެރިކަން ލިބޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރުވެސް ފެން ބިލުން މިފަދަ ލުއިތަކެއް ދީފައިވެއެވެ. އޭރުވެސް ކަނޑައެޅި ވަކި އުސޫލެއްގެ ދަށުން، 2024 ވަނަ އަހަރުގެ ޑިސެމްބަރު 1 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތައް ވަނީ މައާފުކޮށްދީފައެވެ.









