މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ހުސެއިން ފަހުމީ އައްޔަންކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) މިއަދު ވަނީ އެމްޑަބްލިޔުއެސްސީގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، މ. ފަތަހަ، ހުސެއިން ފަހުމީ އައްޔަނުކުރައްވާފައިވާކަން ކަށަވަރުކޮށްދީފައެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަހުމީ އައްޔަންކުރައްވާފައި މިވަނީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުލްމަތީން މުހައްމަދު މިދިޔަ އާދިއްތަ ދުވަހު މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ހުސެއިން ފަހުމީއަކީ ހަކަތައިގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ސްޓެލްކޯގައި 27 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށްފަހު، ނޮވެމްބަރު 2023 ގައި އޭނާ ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފައެވެ.
ފަހުމީ ސްޓެލްކޯއާ ގުޅިވަޑައިގަތީ 1988 ވަނަ އަހަރު ޓްރެއިނީއެއްގެ ގޮތުގައެވެ. އަދި އެ ކުންފުނީގެ އެމްޑީ ކަމުގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށްފަހު، ފަހުމީ މިހާތަނަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައެވެ.









