މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އައިޓީބީ ބާލިންގައި ބޮޑު ޓެކްސީ ކެމްޕޭނަކާއި އައުޓްޑޯ ކެމްޕޭނެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެމްއެމްޕީއާރްސީން ބުނީ މިއީ ވިޒިޓް މޯލްޑިވްސްއިން މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު އެއް އައުޓްޑޯ ޙަރަކާތް ކަމަށެވެ. މި ކެމްޕޭނުގެ ސަބަބުން ޖަރުމަނު މާކެޓުގައި ރާއްޖެއަކީ މަޤްބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.
މި ޓެކްސީ ކެމްޕޭން 5 ހަފްތާއަށް ކުރިއަށްދާނެކަމަށް އެމްއެމްޕީއާރްސީން ހާމަކޮށްފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ބާލިން އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްއާއި، އައިޓީބީ ބާލިންވެސް އޮންނާނެކަމަށް ބުނެފައިވެއެވެ. މި އިވެންޓުތަކަށް 600,000 އަށްވުރެ ގިނަ މީހުން ބައިވެރިވާނެކަމަށް ލަފާކުރެވޭ ކަމަށާއި، މިއީ ރާއްޖެ ޕްރޮމޯޓު ކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއްކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.
ވިޒިޓް މޯލްޑިވްސް ބްރޭންޑުގެ 200 ޓެކްސީގައި ރާއްޖޭގެ ރީތި މަންޒަރުތަކާއި ޝައުޤުވެރި މެސެޖުތަކެއް ހިމެނޭނެކަމަށް އެމްއެމްޕީއާރްސީން ބުނެފައިވެއެވެ. މި ކެމްޕޭނުގެ ސަބަބުން ޖަރުމަނުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް މަޤްބޫލުކަން އިތުރުވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް އުންމީދުކުރެވެއެވެ.
މި ކެމްޕޭނަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށްވެސް އެމްއެމްޕީއާރްސީން ހާމަކުރިއެވެ.









