ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މުއުމިނާ ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް އަބްދުﷲ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. މުއުމިނާ، އެޗްއާރުސީއެމްގެ ނައިބު ރައީސަކަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދިނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މުއުމިނާ އެޗްއާރުސީއެމަށް އައްޔަން ކުރެވިފައިވަނީ 2020 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެ ކޮމިޝަންގެ އެކްޓިން ސެކްރެޓަރީގެ މަގާމުގަ އެވެ. މުއުމިނާ ވަނީ ޔުނިވާސިޓީ އޮފް ސިޑްނީ އިން ކްރިމިނޮލޮޖީގެ ދާއިރާއިން މާސްޓާސް ޑިގްރީއެއް ހާސިލް ކުރައްވައިފަ އެވެ. އަދި ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަން (އޭޝިއާ ޕެސިފިކް) އިން މާސްޓާސް ޑިގްރީއެއްވެސް ހާސިލްކުރައްވާފައިވެ އެވެ. މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގައި ޑިވެލޮޕްމެންޓް ކޮންސަލްޓަންޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވެ އެވެ.
އެޗްއާރްސީއެމްގައި މިހާރު ތިއްބަވާ މެމްބަރުންނަކީ މުއުމިނާގެ އިތުރުން ކޮމިޝަންގެ ރައީސް މަރިޔަމް މުނާ އާއި އާމިނަތު ޝިފާއަތު އަބްދުއްރައްޒާގާއި ސަމާއު އަހުމަދު ނަޖީބުގެ އިތުރުން އިސްމާއީލް ހަބީބެވެ.









