ކެބިނެޓަށް ގެނައި ބަދަލުތަކާ އެކު މަގާމްތަކަށް އަލަށް އައްޔަންކުރެއްވި ހަތަރު މިނިސްޓަރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި، އަލަށް އުފެއްދެވި މިނިސްޓްރީ އޮފްފިނޭންސް އެންޑް ޕްލޭނިންގ އާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ހިމެނެ އެވެ. މީގެ އިތުރުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އާއި އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީއަށްވެސް ބަދަލު ގެނެސްފައިވެ އެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި ހަވާލުވެ ވަޑައިގަތީ ކުރިން ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި މޫސާ ޒަމީރެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއި ހަވާލުވެ ވަޑައިގަތީ ޑރ. އަބްދުﷲ މުއްޠަލިބެވެ.
ކުރިން ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ޑރ. ޢަލީ ހައިދަރު އަހުމަދު ބަދަލުކުރެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށެވެ. އަދި ކުރިން އެ މިނިސްޓްރީ ހިންގެވި ޑރ. މަރިޔަމް މާރިޔާ ބަދަލުކުރެއްވީ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީއަށެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި މި ހަތަރު މިނިސްޓަރުންނަށް ވަކިވަކިން ވޯޓަށް އެހި އެވެ. ޑރ. އަލީ ހައިދަރު ފިޔަވައި އެހެން ތިން މިނިސްޓަރުންނަށް ރުހުން ލިބުނީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ޑރ. ހައިދަރު އައްޔަން ކުރަން ނުފެންނަ ކަމަށް އެމްޑީޕީގެ ހަ މެންބަރަކު ވޯޓު ދެއްވި އެވެ.
މިއީ ރައީސް މުއިއްޒުގެ ކެބިނެޓަށް ބަދަލު ގެންނެވި ދެވަނަ ފަހަރެވެ. ކުރިން ގެންނެވި ބަދަލުގައި މޫސާ ޒަމީރު ފޮރިން މިނިސްޓަރުކަމުން ފިނޭންސް މިނިސްޓަރުކަމަށް ބަދަލުކުރައްވައި، ޑރ. އަބްދުﷲ ހަލީލް ހެލްތު މިނިސްޓަރުކަމުން ފޮރިން މިނިސްޓަރުކަމަށް ބަދަލުކުރެއްވި އެވެ.









