ޣައްޒާގައި ހިނގަމުންދިޔަ ހަނގުރާމަ ހުއްޓުވުމަށް ވެވުނު އެއްބަސްވުމުގެ ދަށުން އިޒްރޭލުން ދޫކޮށްލާ ފަލަސްތީނު ގައިދީންގެ ތެރެއިން 230 އަށްވުރެ ގިނަ މީހުން ގައުމުން ބޭރުގައި އުޅެން މަޖުބޫރުކުރުމަށް ނިންމައިފިއެވެ.
އިޒްރޭލުން މިނިވަންކުރާނެ ކަމަށް ބުނާ 737 ފަލަސްތީނު ގައިދީންގެ ތެރެއިން 734 މީހެއްގެ ނަން އާންމުކޮށްފައިވާއިރު، މި ލިސްޓުގައި ހިމެނޭ 230 އަށްވުރެ ގިނަ މީހުންނަކީ އިޒްރޭލާއި ދެކޮޅަށް ނުރައްކާތެރި ހަމަލާތަކެއް ދިނުމުގައި ނުވަތަ އެފަދަ ހަމަލާތަކުގައި ބައިވެރިވުމުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ މީހުންނެވެ. މި މީހުން ދޫކޮށްލުމަށްފަހު ދާއިމީކޮށް ގައުމުން ބޭރުކުރަން ޖެހޭނެ ކަމަށް އިޒްރޭލުން ބުނެފައިވެއެވެ.
ހަމާސް އާއި ޙަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި، އުމުރަށް ޖަލަށް ލާފައިވާ 296 ފަލަސްތީނު ރައްޔިތުން އިޒްރޭލުން މިނިވަންކުރާނެ ކަމަށާއި، މީގެ ތެރެއިން 236 މީހުންނަކީ ޖަލުން ދޫކޮށްލުމާއެކު ގައުމުން ބޭރަށް ގެންދާނެ މީހުން ކަމަށް ވިދާޅުވިއެވެ. މި މީހުންގެ ތެރެއިން ގިނަ މީހުން ގެންދާނީ ޤަތަރާއި މިޞްރަށް ކަމަށްވެސް އެ އޮފިޝަލުން ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި، ޣައްޒާގައި ބަންދުކޮށްފައިވާ އިޒްރޭލުގެ 33 މީހުންގެ ބަދަލުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 1,900 މީހުން މިނިވަންކުރަން ނިންމާފައިވެއެވެ. މީގެ އިތުރުން، 2023 ގެ އޮކްޓޯބަރު 7 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއަށްފަހު އިޒްރޭލުން ހައްޔަރުކުރި 1,000 އަށްވުރެ ގިނަ ފަލަސްތީނުން ވެސް އެއްބަސްވުން ތަންފީޒުކުރަން ފަށާތާ ފުރަތަމަ 42 ދުވަހުގެ ތެރޭގައި ދޫކޮށްލަން ޖެހޭނެއެވެ.
މި އެއްބަސްވުމަކީ ޣައްޒާގައި 15 މަހަށްވުރެ ގިނަ ދުވަސް ވަންދެން ހިނގަމުންދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޤަތަރާއި މިޞްރާއި އެމެރިކާ މެދުވެރިވެގެން ހެދި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން އާދީއްތަ ދުވަހު ވަނީ ހަމާސްއިން ތިން އަންހެނަކު މިނިވަންކޮށްފައެވެ.









