އިސްރާއީލާއި ހަމާސްއާއި ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން، އިސްރާއީލުން ފަލަސްތީނު 90 މީހުން ޖަލު ބަންދުން ދޫކޮށްލައިފިއެވެ. މިއާއެކު، ހަމާސްއިން ވަނީ އެމީހުންގެ ބެލުމުގެ ދަށުގައިރަހީނު ކޮށްފައިވާ އިސްރާއީލުގެ ތިން އަންހެނުން ދޫކޮށްލާފައެވެ.
އިސްރާއީލުގެ ޖަލުތަކުން ދޫކޮށްލެވުނު ފަލަސްތީނު 90 މީހުންގެ ތެރޭގައި ހިމެނެނީ 69 އަންހެނުންނާއި 21 ޒުވާން ފިރިހެނުންނެވެ. މި މީހުންނަކީ ހުޅަނގު އައްސޭރިއާއި އިރުމަތީ ޖެރޫސަލަމްގެ މީހުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ދާދި ފަހުން ހައްޔަރު ކޮށްފައިވާ، އަދި އެމީހުންގެ މައްޗަށް ޝަރީއަތެއް ނުވަތަ ހުކުމެއް ނުކޮށް ތިބި މީހުންނެވެ.
އަނެއްކޮޅުން، ހަމާސްއިން ދޫކޮށްލި ތިން އަންހެން ރަހީނުން ވަނީ ޣައްޒާ ސިޓީގައި ރެޑް ކްރޮސްއާއި ހަވާލުކޮށްފައެވެ. އޭގެ ފަހުން އެ މީހުން އިސްރާއީލުގެ ސިފައިންނާއި ހަވާލުކޮށް، އިސްރާއީލުގެ ސަރަހައްދަށް ގެންގޮސްފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.
މި އެއްބަސްވުމުގެ ދަށުން، ހަމާސްއިން ދޫކޮށްލާ ކޮންމެ ރަހީނަކަށް އިސްރާއީލުގެ ޖަލުތަކުން ފަލަސްތީނު 30 މީހުން ދޫކޮށްލާނެ ކަމަށް ހަމާސްއިން ބުނެފައިވެއެވެ. އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި، އިސްރާއީލުން ގާތްގަނޑަކަށް ފަލަސްތީނު 1900 މީހުން ޖަލު ބަންދުން ދޫކޮށްލާނެ ކަމަށް ލަފާކުރެވޭއިރު، ހަމާސްއިން އިސްރާއީލު 33 ރަހީނުން ދޫކޮށްލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްވެސް މިހާރު ވަނީ ފެށިފައެވެ. އދ.ގެ އިންސާނިއްޔަތުގެ އެހީތެރިކަމުގެ ކަންކަމާބެހޭ އަންޑަރ ސެކްރެޓަރީ ޖެނެރަލް ޓޮމް ފްލެޗަރ ވިދާޅުވި ގޮތުގައި، އިއްޔެ ދުވަހު 630 އަށްވުރެ ގިނަ ޓްރަކުގައި އިންސާނީ އެހީ ޣައްޒާއަށް ވަދެފައިވާއިރު، އޭގެ ތެރެއިން މަދުވެގެން 300 ޓްރަކު ދަތުރުކޮށްފައިވަނީ އުތުރު ސަރަހައްދަށެވެ.









