ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ހައްދަވާފައިވާ އެއްބަސްވުންތައް ބާތިލްކޮށް އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ އަލުން ތަޙްޤީޤުކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޕީޖީގެ މި އައު ނިންމެވުމަށް މަރުޙަބާ ވިދާޅުވެފައެވެ.
މިކަމާއި ބެހޭގޮތުން އެމަނިކުފާނު ކުރެއްވި އެކްސްގައި ވިދާޅުވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބޮޑު މައްސަލައިގައި ބައެއް ފަރާތްތަކަށް ތަފާތު އިމްތިއާޒްތަކެއް ލިބިދީ އެމީހުންގެ މައްޗަށް އިތުރު ދަޢުވާ ނުކުރުމަށް އެއެްބަސްވެ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރެލް ހައްދަވާފައިވާ އެއްބަސްވުންތައް ބާޠިލް ކުރައްވައި އެމީހުންގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލަތައް ތަޙްޤީޤު ކުރައްވަވައި އެއޮފީހަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް އެންގެވުމާގުޅިގެން މަރުޙަބާ ދަންނަވާ ކަމަށާއި، ޒަމާނުއްސުރެން މިޤައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ މިޤައުމުން ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު ޢަމަލުކުރެވިގެން ކަމަށެވެ
އެމްއެމްޕީއާރުސީ ކޮރަޕްޝަން މައްސަލައިގައި ކުރީގެ ޕީޖީ ޝަމީމް އިޢުތިރާފްގެ އެއްބަސްވުން ހެދީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެސްއޯއެފް ކުންފުނީގެ ވެރިންނާއެވެ.
މި އެއްބަސްވުން އުވާލަން ނިންމީ ތަހުގީގަށް އެކަށީގެންވާ އެއްބާރުލުން އެފަރާތްތަކުން ނުލިބޭތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އެއްބަސްވުން އުވާލުމާ ގުޅިގެން، އެފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގު އަވަހަށް ނިންމުމަށް ފުލުހުންނާއި އޭސީސީއަށް އަންގާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގައި ގިނަ އަދަދެއްގެ ފައިސާ ޖަމާވަމުން ދިޔައީ އެސްއޯއެފްގެ އެކައުންޓަށެވެ. މި މައްސަލައިގައި އަދީބު ވަނީ 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމުމުގެ ކުރިން އޭނާއަށް މަޢާފްދީ ދޫކޮށްލާފައިވެއެވެ.
މި މައްސަލައިގައި ގެއްލުނު ފައިސާ ހޯދުމަށް ކުރީގެ ރައީސް ޞާލިޙް ވެފައިވާ ވަޢުދު ފުއްދިފައިނުވާތީ، އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި ބައެއް ސިޔާސީ ޕާޓީތަކާއި ޖަމްޢިއްޔާތަކުން ވަނީ މައްސަލައިގައި އިސްކޮށް ތިބި މީހުންނަށް މަޢާފްދިނުން ކުށްވެރިކޮށްފައެވެ.









