ފަލަސްތީނު އަސީރެއް އިސްރާއީލުގެ ޖަލެއްގައި މިއަދު ހަވީރު މަރުވެއްޖެ ކަމަށް ފަލަސްތީނުގެ އަސީރުންގެ ކޮމިޝަނާއި ފަލަސްތީނު އަސީރުންގެ ޖަމްޢިއްޔާ (ޕީޕީއެސް) އިން ބުނެފިއެވެ.
މި ދެ ޖަމްޢިއްޔާއިން ބުނެފައިވާ ގޮތުގައި، 22 އަހަރުގެ މުޙައްމަދު ޔާސިން ޚަލީލް ޖަބްރު އިސްރާއީލުގެ ޖަލެއްގައި މަރުވެފައިވާކަން ފަލަސްތީނުގެ ސިވިލް އެފެއާޒް އޮތޯރިޓީން އެ ޖަމްޢިއްޔާތަކަށް އަންގާފައިވެއެވެ.
މި ހާދިސާ ހިނގި ވަގުތު އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު އަސީރުންގެ ޢަދަދާއި ބެހޭ މަޢުލޫމާތު ލިބިފައެއް ނުވެއެވެ. ނަމަވެސް، މި ހާދިސާއާއި ގުޅިގެން ފަލަސްތީނުގެ އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާތަކުން ވަނީ އިސްރާއީލުގެ ޖަލުތަކުގައި ތިބޭ އަސީރުންގެ ޙާލަތާއޮމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަނެއްކޮޅުން، މިއަދަކީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ އަސީރުންގެ ތެރެއިން ތިން އަސީރުން މިނިވަންކޮށްދީފައިވާ ދުވަހެވެ.
އަސީރުން ހަމާސް ގެ ބެލުމުގެ ދަށުގައި މިއަދާއި ހަމަޔަށް ތިބިއިރު، 15 މަސް ވަންދެން ހުއްޓާނުލައި ޔަހޫދީން ވަނީ އަސީރުން މިނިވަން ކުރުމުގެ ނަމުގައި ބޮޑު ޤަތުލު ޢާންމެއް ހިންގާފައެވެ. ނަމަވެސް އެމީހުންނަށް އެންމެ އަސީރެއް ވެސް ނުހޯދުނެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޛުކުރަން ފެށި މިއަދު ރާއްޖޭގެ ގަޑިން 11:30 ގައެވެ.









