ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ (55 އަހަރު) މިއަދު އަވަހާރަވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި އޭނާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ އެންމެ ފަހުން ފަރުވާ ހޯއްދެވީ ހުޅުމާލެ ހޮސްޕިޓަލުގައެވެ.
ގދ. ހޯނޑެއްދޫއަށް އުފަން ޝުއައިބު ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރީ 2011 ވަނަ އަހަރުގެ މާޗު މަހުގެ 26 ވަނަ ދުވަހުއެވެ. އޭނާ ވަނީ ހައި ކޯޓުގައި 11 އަހަރު ޚިދުމަތް ކުރައްވާފައެވެ. ޝުއައިބު ރިޓަޔާކުރެއްވީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
ޝުއައިބު ވަނީ ގާނޫނާއި ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ގަތަރު ޔުނިވާސިޓީން 1997 ގައި ހާސިލުކުރައްވާފައެވެ. އަދި 2006 ވަނަ އަހަރު މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ހައްދަވާފައިވެއެވެ.
އޭނާގެ މަސައްކަތުގެ ދާއިރާގައި ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރުކަމާއި، ހާއްސަ ގާޒީކަމާއި، އާއިލާއާ ބެހޭ ކޯޓުގެ ގާޒީކަމާއި، މަދަނީ ކޯޓާއި ކުޑަކުދިންނާއި ބެހޭ ކޯޓުގެ އިސް ގާޒީކަން ހިމެނެއެވެ. މީގެ އިތުރުން ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްކަން ވެސް ޝުއައިބު ކުރައްވާފައިވެއެވެ.
ޝުއައިބު ވަނީ މަޖީދިއްޔާ ސްކޫލްގައި ކިޔަވައި ދެއްވުމުގެ އިތުރުން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ.
ޝުއައިބު އަވަހާރަވުމާއި ގުޅިގެން ގާނޫނީ ދާއިރާގެ ބޭފުޅުން ގެންދަވަނީ ހިތާމައިގެ ޝުޢޫރުތައް ފާޅުކުރައްވަމުންނެވެ. އޭނާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރަމެވެ.









