ގެވެށި އަނިޔާގެ މައްސަލައެއްގައި ހައްޔަރުކުރެވުނު މާލެއަށް ނިސްބަތްވާ 31 އަހަރުގެ ފިރިހެނަކު ޝަރުތުތަކާއެކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، މި މައްސަލައަކީ ދިރިއުޅުމުގެ މައްސަލައަކާއި ގުޅިގެން ހިނގި ހާދިސާއެކެވެ. މި މައްސަލައާއި ގުޅިގެން ފެމިލީ ކޯޓުން ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަވަސް އަމުރެއް ނެރެދީފައިވާކަން އަމުރުގައި ފާހަގަކޮށްފައިވެއެވެ.
އަމުރުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މި ފިރިހެނާއަކީ ވަޒީފާއެއް އަދާކުރާ މީހެކެވެ. އަދި އޭނާ ބަލަހައްޓައި ޚަރަދުކުރަންޖެހޭ ދެ ކުޑަކުދިން ތިބިކަން ވެސް ފާހަގަކޮށްފައިވެއެވެ.








