ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލާން އަނެއްކާ ވެސް ހުޅުވާލައިފި

އަހްމަދު އީޒާން | 315 ދުވަސް ކުރިން - 19 ޖެނުއަރީ 2025 15:49
ޚުލާސާ

ޕެންޝަން އޮފީހުން ކުރި އިއުލާނެއްގައި ބުނީ އެކަމަށް ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަަލަށް ހުޅުވާލާފައިވާ ކަމަށް.

ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ އިން ތަމްސީލު ކުރާނެ ދެ މެންބަރަކު ހޯދަން ދެވަނަ ފަހަރަށް މިއަދު އިއުލާންކޮށްފި އެވެ.

ޕެންޝަން އޮފީހުން ކުރި އިއުލާނެއްގައި ބުނީ އެކަމަށް ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރި، އިގުތިސާދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުމާ ނުވަތަ ޕެންޝަން/އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ހާސިލުކޮށްފައިވުން ހިމެނެ އެވެ.

ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ މެންބަރުންނަކީ، ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކަށް ވެގެން ނުވާނެ އެވެ.

މީގެ އިތުރުން، ސަރުކާރުން 50 ޕަސެންޓް އިން މަތީ އަދަދަކަށް ހިއްސާވާ ޕަބްލިކް އަދި ޕްރައިވެޓް ކުންފުންޏެއްގެ ނުވަތަ އެފަދަ ކުންފުނިތަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށް ވެސް ވެގެން ނުވާނެ އެވެ.

ޕެންޝަން އޮފީހުން ބުނީ ޕްރައިވެޓް ސެކްޓާ ތަމްސީލު ކުރާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ގާނޫނުގައިވާ ގޮތުގެ މަތީން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން، ދެ މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ކޮންމެ މަގާމަކަށް ތިން މީހެއްގެ ނަން ޝޯޓްލިސްޓްކޮށް، ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީން އެ މީހުންގެ ޝަރުތު ހަމަވާކަން ޔަގީން ވެސް ކުރާނެ ކަމަށެވެ.

ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން ޢައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިިއްޔާ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%