މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންގެ ތެރެއިން މަގުމަތީގައި އުޅޭ 74 މީހަކު މިހާތަނަށް ރިހެބް ފަރުވާގެ ނިޒާމަށް ވައްދާފައިވާ ކަމަށް އެންޑީއޭ އިން ބުނެފި އެވެ.
އެންޑީއޭގެ ޗެއާޕާސަން ލުބްނާ ޒާހިރު ވިދާޅުވީ މިއަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެންޑީއޭގެ ސެންޓަރުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ. މި ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ވެސް އެ ސެންޓަރުތަކުގެ ސްޓްރަކްޗާތަކަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލުބްނާ ވިދާޅުބީ ފަރުވާގެ ނިޒާމަށް ވައްދަން ޖެހޭ ވަރަށް ގިނަ މީހުން ތިބި ކަމަށާއި ފަރުވާގެ ތެރެއަށް ވޮލަންޓިއަރުންގެ ގޮތުންނާ އަދި ޑްރަގް ކޯޓު މެދުވެރިކޮށް މީގެ އިތުރުން ރިމާންޑް އޮޕަރޭޝަނުން މީހުން ނަގައިގެން މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
"މީގެ ތެރޭގައި އަޅުގަނޑު ހަމަ ފާހަގަކޮށްލަން މިއަދާ ހަމައަށް މަގުމަތިން އަޅުގަނޑުމެން 74 މީހަކު ވާނީ ވައްދައިފަ. މީގެ ތެރެއިން ގާތްގަނޑަކަށް 50 މީހުން ރިމާންޑްގެ މުއްދަތު ހަމަކޮށް އެންޑީއޭގެ ފަރުވާގެ ނިޒާމުގެ ތެރެއަަށް ޑްރަގް ރީހެބިލިޓޭޝަނަށް ވަދެފައި. އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއް،" ލުބްނާ ވިދާޅުވި އެވެ.
ލުބްނާ ވިދާޅުވީ މަސްތުވާތަކެތި ނަގާ މީހުންގެ ހާލަތަށް ބަލައިފައި، ފަރުވާ އަވަހަށް ބޭނުންވާ މީހުންނަށް އައުޓްރީޗް ކުރައްވާ ކަމަށާއި މި މަސައްކަތުގައި ފުލުހުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖުތަމައުގައި ބައިތިއްބައިގެން ދޭ ފަރުވާގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ޑިޓޮކްސިފިކޭޝަން ކަމަށާއި މި ފަރުވާ ހޮސްޕިޓަލްތައް މެދުވެރިކޮށް ފަށާނީ ޑޮކްޓަރުންގެ އެހީގައި ބޭސް ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ޑިޓޮކްސިފިކޭޝަން ޕްރޮސެސް އަޅުގަނޑުމެން ހިންގާނީ ހެލްތު ފެސިލިޓީތަކާ ގުޅިގެން. މިހާރު އަޅުގަނޑުމެންނަށް ވަނީ ހެލްތު މިނިސްޓްރީން މީގެ ފެހި ސިގްނަލް ދެއްވައިފައި. އެހެންވީމަ އަޅުގަނޑުމެންނަށް ހަމަ ހޮސްޕިޓަލްތަކާއި ގުޅިގެން ޑޮކްޓަރުން ވެސް ޓްރެއިންވެގެން އަޅުގަނޑުމެން މި ޓްރީޓްމެންޓް މި ފަށަނީ،" އޭނާ ވިދާޅުވި އެވެ.
"އޭގެ މާނައަކީ ގޭގައި ބެލެނިވެރިންނަށް ނުބެލެހެއްޓޭ ކުދިން އަޅުގަނޑުމެން ގޭގައި ބަހައްޓައިގެން އެއްގޮތަކަށް ވެސް ފަރުވާއެއް ނުދޭނެ އިނގޭތޯ. އޭގައި އެ ކުއްޖާ އަދި ބެލެނިވެރިޔާގެ ޗޮއިސްއަށް ބަލާފައި މިހާރު ވެސް އަޅުގަނޑުމެން ކުދިން ނަގާ ގޮތަށް ނުވަތަ ކުދިން ފަރުވާއަށް މޯޓިވޭޓްކޮށްގެން ގެންނަ ގޮތަށް، ނޫނީ ހަމަ ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދައިގެން ފަރުވާ ދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން."
ލުބްނާ ވިދާޅުވީ ނެޝެނަލް ޑިޓޮކްސިފިކޭޝަން ސެންޓަރުތައް ހިނގާނެ ކަމަށާއި ސ. ހުޅުމީދޫގައި ހުންނަ ވިލުނޫ އަދި ކ. ހިންމަފުށީގެ އިތުރުން ގދ. ތިނަދު އާއި ފުވައްމުލަކުގައި ވެސް ޑިޓޮކްސިފިކޭޝަން ނިޒާމު ގާއިމްކުރެވިފައި އެބަހުރި ކަމަށެވެ. އެ ތަންތަނުން މިހާރު ދެމުން ގެންދަނީ މެތަޑޯން ފަރުވާ ކަމަށާއި ނަމަވެސް މުޖްތަމައުގައި ބައިތިއްބައިގެން ދޭ ފަރުވާ ދޭނީ ޑޮކްޓަރުންގެ އެހީގައި ބިއުޕްރިނޯފިން ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މުޖުތަމައުގައި ބަހައްޓައިގެން ފަރުވާ ދިނުމުގެ ނިޒާމު ގާއިމްކުރެވޭއިރު، ސައިކޯ ސޯޝަލް ސަޕޯޓް ދިނުމުގެ ނިޒާމު ވަރުގަދަކުރަން ޖެހޭ ކަން ފާހަގަކުރައްވައި، ލުބްނާ ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށާއި ފަރުވާގެ ނިޒާމުގެ ތެރޭގައި ރިކަވަރީ ސަޕޯޓު ދޭނެ އެންޖީއޯތައް ވެސް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ.
މިފަދަ އެންޖީއޯތަކަށް ފައިނޭންޝަލް ސަޕޯޓް ދެވޭނެ ގޮތަކަށް މަސައްކަތްތައް ބައްޓަންކުރައްވަން ގިނަ މަސައްކަތްތަކެއް އެންޑީއޭގެ ބޯޑުން މިހާރު ފަށާފައިވާ ކަމަށް ވެސް ލުބްނާގެ ވިދާޅުވި އެވެ.









