ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާއިރު، ހަނގުރާމަ ހުއްޓާލާނީ މާދަމާ މެންދުރު 12:00 ޖެހުމުން ކަމަށް ހުރިހާ ފަރާތްތަކުން ވަނީ އެއްބަސް ވެފައި ކަމަށް ޤަޠަރުން ބުނެފިއެވެ.
އިޒްރޭލާއި ހަމާސްއާ ދެމެދު 15 މަސްދުވަސް ވަންދެން ހިނގަމުންދިޔަ ހަނގުރާމަ ހުއްޓާލުމަށް ދެފަރާތުން އެއްބަސްވިއިރު، ޤަތަރު، މިސުރު އަދި އެމެރިކާގެ މެދުވެރިކަމާއެކު ވެވުނު މި އެއްބަސްވުމަށް އިޒްރޭލުގެ ކެބިނެޓުން ވަނީ ފުރިހަމަ ތާއީދު ލިބިފައެވެ. މި އެއްބަސްވުމުގެ ދަށުން ހަމާސްއިން ހިފަހައްޓާފައިވާ އިޒްރޭލުގެ ރަހީނުން ދޫކޮށްލުމާއި، އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނު ޤައިދީން ދޫކޮށްލުން ވެސް ހިމެނެއެވެ.
އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ހަމާސްއިން ރަހީނު ކޮށްފައިވާ 33 އިޒްރޭލު ޔަހޫދީން ދޫކޮށްލާނެއެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި، އަންހެނުންނާއި، 50 އަހަރުން މަތީގެ ފިރިހެނުން ހިމެނެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި އިޒްރޭލު ޖަލުތަކުގައި ތިބި ޣައްޒާ މުސްލިމުން ދޫކޮށްލާނީ އޭގެ ފަހުންނެވެ. ސީދާ ޢަދަދު ސާފު ނުވި ކަމުގައި ވިޔަސް ސަތޭކަ ނުވަތަ އެއަށްވުރެ ގިނަ މީހުން ދޫކޮށްލާނެއެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި ޙާލު ދެރަވެފައިވާ ބަލި މީހުން ހިމެނެއެވެ.
އެއްބަސްވުމުގެ ދެވަނަ މަރުހަލާގައި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަން މަރާމާތުކުރުމާއި، އަސާސީ ބޭނުންތަކުގެ ތަކެއްޗާއި ކަރަންޓު އުފެއްދުމަށް ބޭނުންވާ ތެޔޮ ޣައްޒާއަށް ވެއްދުން ހިމެނެއެވެ. އެންމެ ފަހު މަރުހަލާގައި ސިފައިން އަނބުރާ ގެންދިއުމާއި އިތުރު ރަހީނުން ދޫކޮށްލުމާއި، ޣައްޒާ އަލުން އިމާރާތްކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމިއޮންނާނީ 6 ހަފުތާއަށެވެ. ނަމަވެސް ޣައްޒާއަށް އެތެރެވާ މައި މަގުތަކުގެ ކޮންޓްރޯލް އޮންނާނީ އިޒްރޭލުގެ އަތުގައެވެ. މި މުއްދަތަކީ ދާއިމީ ސުލްޙައަކަށް މަގުފަހިކުރުމަށް ލިބޭނެ ފުރުޞަތެއް ކަމަށް ބެލެވެއެވެ.
މި އެއްބަސްވުމަށް މުޅި ދުނިޔެއިން މަރުޙަބާ ކިޔާފައިވާއިރު، މިއީ ދާއިމީ ސުލްޙައަކަށް މަގުފަހިވެ، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބޭ ފުރުޞަތެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.









