މާލޭގެ އާޓިފިޝަލް ބީޗުގައި ރޭ ހިނގި މާރާމާރީއެއްގައި ދިވެއްސަކަށް ހަމަލާދިން އިންޑިއާ ރައްޔިތުން ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
އެނގިފައިވާ ގޮތުގައި ބިދޭސީންތަކެއް މާރާމާރީ ހިންގާ މަންޒަރު އެ ސަރަޙައްދުގައި ހުރި ދިވެއްސަކަށް ފެނުމުން، މަންޒަރު ރެކޯޑުކުރަން ފެށުމުން އޭނާއަށް އެ މީހުން ޙަމަލާ ދިނެވެ.
ފުލުހުން މައުލޫމާތު ދެއްވިގޮތުގައި، މި މާރާމާރީގެ ރިޕޯޓު ލިބުމާއެކު ވަގުތުން ފުލުހުން އެ ސަރަހައްދަށް ގޮސް، ހާދިސާގައި ބައިވެރިވި ތިން އިންޑިއާ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
"މި މާރާމާރީގެ މަންޒަރު ރިކޯޑުކުރި ދިވެއްސަކަށް ވެސް އެ މީހުން ހަމަލާ ދީފައިވޭ،" ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާގެ ފޮޓޯ އަދި ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ފެތުރިފައެވެ. އެ ފޮޓޯތަކާއި ވީޑިއޯގައި ފެންނަނީ މާރާމާރީ ހިންގި އެކަކު ވީޑިއޯ ރެކޯޑުކުރަން ހުރި މީހާއަށް ހަމަލާދޭ މަންޒަރެވެ.
މިއީ އާޓިފިޝަލް ބީޗުގައި ހިނގި މިފަދަ ފުރަތަމަ ހާދިސާއެއް ނޫނެވެ. މިދިޔަ މަހު ވެސް ބިދޭސީންތަކެއް އެތަނުގައި މާރާމާރީ ހިންގި މައްސަލައެއްގައި އިންޑިއާ ރައްޔިތުންތަކެއް ވަނީ ހައްޔަރުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ މައްސަލަ ތަޙްޤީޤް ކުރަމުންނެވެ.









