ކަނޑަށް ތެޔޮ އެޅިއްޖެ ހާލަތުގައި ކަންކުރަންވީ ގޮތް ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި

އަހްމަދު އީޒާން | 276 ދުވަސް ކުރިން - 17 ޖެނުއަރީ 2025 11:15
އޮއިލް ސްޕިލް އިމަޖެންސީ ރެސްޕޮންސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު / ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
އޮއިލް ސްޕިލް އިމަޖެންސީ ރެސްޕޮންސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު / ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
ޚުލާސާ

އެ ތަމްރީނު ޕްރޮގްރާމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ 17 ސެއިލަރުންނާއި ސްރީލަންކާ ކޯސްޓްގާޑުގެ 10 އޮފިސަރުންނާއި އީޕީއޭގެ ތިން މުވައްޒަފުންނާއި މިނިސްޓްރީގެ ދެ މުވައްޒަފަކު ބައިވެރިވި.

ކަނޑަށް ތެޔޮ އެޅިއްޖެ ހާލަތުގައި ކަންކުރަންވީ ގޮތް ދަސްކޮށްދޭން އޯޝަން ކަންޓްރީ ޕާޓްނާޝިޕް ޕްރޮގްރާމް (އޯސީޕީޕީ) އިން ފަންޑުކޮށްގެން ކުރިއަށް ގެންދިޔަ "އޮއިލް ސްޕިލް އިމަޖެންސީ ރެސްޕޮންސް ޓްރެއިނިން" ޕްރޮގްރާމް އިއްޔެ ނިންމާލައިފި އެވެ.

އެ ޕްރޮގްރާމް ނިންމާލުމުގެ ގޮތުން ރޭ ވަނީ ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި މަހު ފަހަކުން 16 އަށް ކުރިއަށް ގެންދިޔަ އެ ތަމްރީނު ޕްރޮގްރާމުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑްތަކަށް ނިސްބަތްވާހެން އެމްއެންޑީއެފް ކޯސްޓްގާޑުގެ 17 ސެއިލަރުންނާއި ސްރީލަންކާ ކޯސްޓްގާޑުގެ 10 އޮފިސަރުންނާއި އީޕީއޭގެ ތިން މުވައްޒަފުންނާއި މިނިސްޓްރީގެ ދެ މުވައްޒަފަކު ބައިވެރިވި ކަމަށެވެ.

އެމްއެންޑީއެފްގެ މެރިޓައިމް ޕޮލިއުޝަން ރެސްޕޮންސްގެ ގާބިލުކަން އިތުރަށް ފުޅާކުރުމަށް މަގުފަހިކޮށްދޭ މި ޕްރޮގްރާމަކީ އިނގިރޭސިވިލާތުގެ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަމަންޓް، ފުޑް އެންޑް ރޫރަލް އެފެއާޒް އާއި ރާއްޖޭގައި ހުންނަ ބްރިޓިޝް ހައި ކޮމިޝަންގެ އެއްބާރުލުމާ އެކު ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމުގައި އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން ލެވެލް 1، 2، 3 އާއި އިންސިޑެންޓް ކޮމާންޑް ސިސްޓަމް 100، 200، 300 އާއި އޭރިއަލް ސަވައިލަންސް އާއި ޝޯލައިން ކްލީންއަޕް އެސެސްމަންޓް ޓެކްނިކުގެ ބައިތައް ކިޔައިދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އީޕީއޭގެ ޑައިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް އާއި ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ، ބްރިގޭޑިއާ ޖެނެރަލް ޑރ. ހުސައިން އިބްރާހިމް އަދި ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރު ކާނަލް މުހައްމަދު ރިޒްމީ ވަލީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%