ގދ. ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީއާއި ގުޅުން ހުރި ކޮރަޕްޝަނުގެ ބޮޑު މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވެނީ ތިނަދޫ ސިޓީގެ ބަނދަރުމަތީގައި ޤާއިމުކޮށްފައިވާ ﷲ އިސްމުފުޅާއި އަދި ކީރިތި ރަސޫލާ ﷺ ގެ ނަންފުޅުގެ މޮނިއުމަންޓު ހަދަން ޚަރަދުކުރި ހުރިހާ ފައިސާއެއް މޭޔަރު ސައުދުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.
އާންމު ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި، މި މޮނިއުމެންޓު ހެދުމަށް ވާއްޓޭ އިންވެސްޓްމެންޓަށް ނޭނގި އެފަރާތުގެ ނަމުގައި ބިޑް ނަގައި، އެމަސައްކަތް ތިނަދޫ ސިޓީ ކައުންސިލްގެ މުވައްޒަފުން ލައްވައި ކުރުވާފައިވެއެވެ. އަދި މި މަސައްކަތުގެ ފައިސާ ޖަމާކޮށްފައިވަނީ މޭޔަރު ސައުދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޝޮމަޝާ އިންވެސްޓްމެންޓުގެ އެކައުންޓަށް ކަމަށް ވެސް ތުހުމަތު ކުރެވެއެވެ.
މައްސަލަ ހުށަހެޅި ފަރާތުން އިތުރަށް ފާހަގަކޮށްފައިވަނީ، މި ފައިސާ ޖަމާކޮށްފައިވަނީ މަސައްކަތް ނިންމާލި ކަމުގެ ދެފަރާތުގެ ލިޔެކިޔުންތައް ނެތި ކަމަށެވެ. މިއީ ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އޮޅުވާލައިގެން ހިންގާފައިވާ ވަރަށް ބޮޑު ކޮރަޕްޝަނުގެ އަމަލެއް ކަމަށް ބެލެވޭތީ، މި މައްސަލަ ތަޙުޤީޤުކޮށް ބަލައިދިނުމަށް އޭސީސީގައި އެދިފައިވެއެވެ.
މި މައްސަލައާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް މަސައްކަތް ކުރިނަމަވެސް، މި ވަގުތު މޭޔަރު ސައުދު އަލީ އާއި ތިނަދޫ ސިޓީ ކައުންސިލުން އެއްވެސް ކޮމެންޓެއް ދީފައެއް ނުވެއެވެ. އަދި އޭސީސީން ވެސް މި މައްސަލައާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.









