އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ސެކްރެޓަރީ ޖެނެރަލަކު ހޯދަން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.
އެ ކޮމިޝަނުން އިއްޔެ ބުނީ އެސްޖީގެ އަލުން ހުޅުވައިލީ މިދިޔަ މަހުގެ ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައި ނުވާތީ ކަމަށެވެ. އެހެންވެ، އަލުން ފުރުސަތު ހުޅުވާލައި، ޝައުގުވެރިވާ މީހުންނަށް އެޕްލައިކުރުމުގެ ފުރުސަތު މި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ދީފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އޭސީސީން ބުނި ގޮތުގައި، ކުރިން އެޕްލައި ކުރި މީހަކު އަލުން އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ނަމަ، ފޯމު އެކަނި ހުށަހެޅުމުން ފުދޭނެ އެވެ.
އެސްޖީގެ މަގާމަށް ހޯދަނީ އުމުރުން 18-55 އަހަރާއި ދެމެދުގެ މީހެކެވެ. އެއީ ފަސް އަހަރުގެ ދައުރަކަށް އައްޔަންކުރާ މަގާމެކެވެ.
އެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޮމިޝަން އިދާރީ ގޮތުން ހިންގުމަށް ބޭނުންވާ ސިޔާސަތުތައް މެމްބަރުންގެ ލަފާގެ މަތިން އެކުލަވާލައި، ހިންގައި ބެލެހެއްޓުން ހިމެނެ އެވެ.









