މިދިޔަ އޮކްޓޫބަރު/ނޮވެމްބަރުގައި ހެދި އޭލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން މިއަދު ފަށައިފި އެވެ.
ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނީ ނަތީޖާ ދޫކުރާނީ އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުން ކަމަށެވެ. އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ނަތީޖާ ދޫކުރާނީ އެ އިދާރާއިންނެވެ.
އެޗްއެސްސީ އާއި އެޑެކްސެލް އަދި ކެމްބްރިޖް އޭލެވެލް އިމްތިހާނު ހިމެނޭ ގޮތަށް 4،293 ދަރިވަރުން ބައިވެރިވި އެ އިމްތިހާނުގައި ރާއްޖޭގެ 48 ސެންޓަރެއްގައި ބޭއްވި އެވެ.
އެޗްއެސްސީ އިމްތިހާނުގައި މި އަހަރު ބައިވެރިވީ 1،663 ކުދިންނެވެ. އެޑެކްސެލް އޭލެވެލް އިމްތިހާނުގައި 3،842 ކުދިން އަދި ކެމްބްރިޖް އޭލެވެލް އިމްތިހާނުގައި 443 ކުދިން ބައިވެރިވި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.
އޯލެވެލް އަދި އޭލެވެލް އިމްތިހާނު ހަދާ ކުދިންގެ ތެރެއިން ފާސްވާ ޕަސެންޓް އަދިވެސް 50 ޕަސެންޓަށް ނާރާތީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ މިފަހުން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.






