އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ހުސްވެފައިވާ ދެ މަޤާމަށް އައްޔަންކުރާ މެންބަރުންނަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވޮ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޭސީސީއަށް މެންބަރުން އައްޔަންކުރެއްވުމަށް ފޮނުއްވާފައިވާ ދެ ނަން ވަނީ ހުށަހަޅުއްވާފައެވެ. އެއީ:
1. އަހުމަދު ނާޝިދު (މއ. ގޯލްޑަން މޫން)
2. އާސިޔާ އަޒީމާ (ރޯޒްވިލާ، ރ. ހުޅުދުއްފާރު)
އަހުމަދު ނާޝިދަކީ 2021 ވަނަ އަހަރުން ފެށިގެން ޕޮލިސް ބޯޑުގައި އިންނެވި މެންބަރެކެވެ. އޭނާ ޕޮލިސް ބޯޑުން ވަކިކުރެއްވީ މިހާރުގެ ސަރުކާރުންނެވެ.
އާސިޔާ އަޒީމާއަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ނައިބު ރައީސްކަމާއި މަޖިލީހުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމު ފުރުއްވާފައެވެ.
އޭސީސީގެ މި ދެ މަޤާމު ހުސްވެފައިވަނީ ކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމާއި މެންބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. އެ ދެ މެންބަރުން އިސްތިޢުފާ ދެއްވީ އެ ބޭފުޅުންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވި، މަޖިލީހުގެ ކޮމިޓީން ވަކިކުރުމަށް ފާސްކުރުމަށްފަހުގައެވެ.









