ބްރޯޑްކާސްޓިން ކޮމިޝަނުގެ ހުސްވެފައިވާ ދެ މަޤާމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ދެ މަޤާމަށް 12 ބޭފުޅަކު ކުރިމަތިލެއްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ލިސްޓުގައި އެންމެ ކުރީގައި އޮތް ނަންތަކާއި ތަފާތު ގޮތަކަށް މަޖިލީހުގެ ކޮމިޓީން ވަނީ ނިންމާފައެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓުގައި އާމިނަތު ސަރާހަތު އައްޔަންކުރުމަށް 68 މެންބަރުންގެ އިއްތިފާޤުން ފާސްކުރިއެވެ. އަދި މުހައްމަދު ޢަބްދުﷲ އައްޔަންކުރުމަށް 58 މެންބަރުންގެ ތާއީދު ލިބުނެވެ.
ކޮމިޓީ ލިސްޓުގައި ދެވަނައަށް އޮތް ނޫސްވެރިޔާ ޝިފްޒާ މުސްތަފާ އައްޔަންކުރުމަށް ތާއީދު ލިބުނީ އެންމެ 11 މެންބަރުންގެ ކިބައިންނެވެ. އޭނާ އައްޔަންކުރުމާއި ދެކޮޅަށް ސަރުކާރު ހިންގާ ޕީއެންސީގެ 50 މެންބަރުން ވޯޓުދެއްވިއެވެ.
މި ދެ މަޤާމަށް މެންބަރުން އައްޔަންކުރުމާއެކު، ކޮމިޓީ ލިސްޓުގައި ހިމެނުނު އެހެން ނަންތަކަށް ވޯޓަށް އަހާފައެއް ނުވެއެވެ.









