ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އިޢުލާންކުރީ ރޭގައެވެ. މާ ގިނަ އިރެއް ނުވެ ހައްދުފަހަނައެޅި ޔަހޫދީން ޣައްޒާއަށް ވައިގެ މަގުން ޙަމަލާދީ 30 މީހުން ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލާއި ޙަމާސްއާއި ދެމެދު ކުރެވުނު މުޢާމަލާތްތަކަށް ޙަމާސްއިން އާނ! ބަސް ބުނިތާ މަދު ގަޑިތަކެއްގެތެރޭގައި ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.
ޤަޠަރާއި މިޞްރާއި އެމެރިކާގެ ބްރޯކަރެއްގެ ދަށުން ކުރިއަށް ގެންދިޔަ ހަނގުރާމަ ހުއްޓާލުމަކީ ދޮޅުއަހަރެއްހައި ދުވަހަށް ދެމިގެންދިޔަ ނަސްލު ނައްތާލުމުގެ ނުބައި ޖަރީމާ ހުއްޓުވުމަށް ނިންމި މުހިންމު ފިޔަވަޅެކެވެ. ގާތްގަނޑަކަށް މުޅި ދުނިޔެއަށް ލިބުނު އުފާވެރި ޚަބަރަކަށް އެކަން ވީއިރު، ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، ޙަމާސްއިން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިކަން މީޑިއާއަށް ޔަޤީންކޮށްދިނަސް އިސްރާއީލްގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން އެކަމެއް އިޢުލާނެއް ނުކުރެއެވެ. ސަބަބަކީ ހަނގުރާމަ ނުހުއްޓުމަށާއި، ޣައްޒާގެ މުސްލިމުން މަރައި ނެތިކޮށްލުމަށް ގޮވާލައި އޭނާގެ ސަރުކާރާއި ދެކޮޅަށް ރޭ ވެސް މުޒަހަރާ ކުރަމުން ދިޔުމާއި، ހަނގުރާމަ ހުއްޓާލުމާއިބެހޭ އެންމެހައި ކަންތައްތައް މުޅީން ނުނިމޭތީ ކަމަށް އިސްރާއީލް މީޑިއާއިން ބުންޏެވެ.
ޣައްޒާ ހަނގުރާމަ ހުއްޓާލަން ނިންމާފައި އޮތީ އާދީއްތަ ދުވަހު 12:15 ގައި ކަމަށް ޤަޠަރުން ރޭ ވަނީ އިޢުލާން ކޮށްފައެވެ.
ނަމަވެސް އެ އިއުލާނަށްފަހު އިސްރާއީލުގެ ސިފައިންގެ ވައިގެ ހަމަލާތައް އަލުން ފެށުމުން ޢާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ދިގުދެމިގެންދާނެ ކަމާއި މެދު ކަންބޮޑުވުން އެބައޮތެވެ. އިސްރާއީލަކީ ޢާންމުކޮށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު ތަންފީޛުކުރަން ފެށުމާއި ހަމަޔަށް ނުރައްކާތެރި ޙަމަލާތައް ދޭ ބަޔެކެވެ. މީގެކުރިން އެތައްފަހަރަކު "ޕީސްޓޯކަށްގޮސް" ވަގުތީ ގޮތުން ޣައްޒާ ހަނގުރާމަ ހުއްޓާލި ފަހަރުތަކުގައި ވެސް ކަންކުރީ މިފަދައިންނެވެ. ލުބުނާނު ހަނގުރާމަ ހުއްޓާލިކަން އިޢުލާންކޮށްފައި ވެސް، ތަންފީޛުކުރާ ތާރީޚް ޖެހެންދެން އިސްރާއީލުން ދިޔައީ ޙަމަލާ ދެމުންނެވެ.









