އިނގިރޭސީވިލާތުގައި ބައްޕައަކު އޭނާގެ 14 އަހަރުގެ އަންހެން ދަރިފުޅު މަރާލައިފިއެވެ.
ޑާލިންގްޓަންގައި ހިނގި މި ހިތާމަވެރި ހާދިސާގައި، 50 އަހަރުގެ ސައިމަން ވިކާސް އޭނާގެ 14 އަހަރުގެ އަންހެން ދަރިފުޅު ސްކާލެޓް ވިކާސް މަރާލީ ވަޅިއަކުން ޙަމަލާދީއެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖުލައި މަހުގެ 5 ވަނަ ދުވަހު، ޖެނީވާ މަގުގައި ހުންނަ އެމީހުންގެ ގޭގައި، އާއިލާގެ މެންބަރުން ކުޅެ ސަކަރާތްޖަހައި މަޖާކުރަން އުޅެނިކޮށެވެ.
ޓީސައިޑް ކްރައުން ކޯޓުގައި ހިނގަމުންދާ މައްސަލައިގެ އަޑުއެހުމެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އާއިލާގެ މެންބަރުން ބަދިގޭގައި ރޭގަނޑުގެ ކެއުން ތައްޔާރުކުރަމުން ދަނިކޮށް، "މަޖާކޮށްލަމުން" ކާއެއްޗެހި އަދި ބަދިގެ ތަކެތި އެކަކު އަނެކަކަށް އުކަމުން ދިޔައިރުއެވެ. އޭރު 14 އަހަރުގެ އަންހެންކުއްޖާގެ ބައްޕަ ހުރީ ރާ ބޮއެގެންނެވެ.
ކޯޓުގައި ހުށަހަޅާފައިވާ ހެކިތަކުން ދައްކާގޮތުގައި، ސްކާލެޓްގެ މޭމަތީގައި 4 އިންޗި (11 ސެންޓިމީޓަރު) ފުންމިނަށް ބަދިގޭގައި ގެންގުޅޭ ވަޅި ހަރާފައި ވެއެވެ. ކުއްޖާގެ ބައްޕަ ބުނީ އޭނާ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ މަރުގެ ދަޢުވާއެވެ.
ޕްރޮސިކިއުޓަރ މާކް މެކްކޯން ކޭސީ ބުނެފައިވާ ގޮތުގައި، ވިކާސް އޭނާގެ ދަރި މަރާލީ ގަސްދުގައެވެ. ވަޅީގައި ހިފަހައްޓައިގެން ހުރީ ބާރަށެވެ. އެހާ ފުންމިނަށް ވަޅި ވަނީ އެހެންވެ ކަމަށް ޕީޖީގެ ދަޢުވާގައި ވެއެވެ.
އެހެންނަމަވެސް، ވިކާސްގެ ވަކީލު ނިކޮލަސް ލަމްލީ ކޭސީ ބުނެފައިވަނީ މިއީ "ހިތާމަވެރި އެކްސިޑެންޓެއް" ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ބަޔާން ނަގައިފައިވަނީ މަރުވި ކުއްޖާގެ ބައްޕަ އާއި އަންހެނުން (ކުއްޖާގެ މަންމަ) ސާރާ ހޯލްގެ ފަރާތުންނެވެ. މައްސަލަ ތަހުގީގު ކުރަމުންދާއިރު ކޯޓުގައި އަޑުއެހުންތައް މިހާރު ދަނީ ކުރިއަށެވެ.









