6 ފެބުރުއަރީ 2025 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
މި ނިންމުން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި 1/2025 ނަންބަރު ދެންނެވުމުގައެވެ.
ރައީސް އޮފީހުން ބުނެފައިވަނީ މި ނިންމުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެންނެވެ. މިގޮތުން، 6 ފެބުރުވަރީ 2025 ވާ ބުރާސްފަތި ދުވަހަކީ ރައްޔިތުންގެ މަޖިލީހަށް ރައީސް ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށްވާތީ، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ހަމަޖައްސަވާފައިވާކަމަށް ރައީސް އޮފީހުން ހާމަކުރިއެވެ.
މީގެ އިތުރުން މި ނިންމުމާ ގުޅިގެން، ކުރިން ނެރުއްވާފައިވާ ރައީސް އޮފީހުގެ ނަންބަރު 1/2024 (18 ޖަނަވަރީ 2024) ދެންނެވުން ވަނީ ބާޠިލު ކޮށްފައިވާކަމަށް ވެސް ރައީސް އޮފީހުން ފާހަގަކުރިއެވެ.









