މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް ގާނޫނީ ޚިދުމަތް ފޯރުކޮށްދޭނެ ލޯ ފާމެއް ހޯދުމަށް އިޢުލާނުކޮށްފިއެވެ.
މިފްކޯއިން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ލޯ ފާމުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި މިފްކޯއިން ދަޢުވާކުރާ އަދި މިފްކޯގެ މައްޗަށް ދަޢުވާ ލިބޭ މައްސަލަތައް ދިރާސާކުރުމާއި، ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ކުންފުނީގެ ފަރާތުން ވަކާލާތުކުރުން ހިމެނެއެވެ. މީގެ އިތުރުން، މިފްކޯގެ އުސޫލުތަކާއި އެއްބަސްވުންތައް ގާނޫނީ އޮނިގަނޑުގެ ތެރެއިން ބައްޓަންކުރުމުގައި ލަފާދިނުމާއި ޑްރާފްޓް ކުރުން ވެސް ހިމެނެއެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:30 އާ ހަމައަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދީފައިވެއެވެ.
މިފްކޯއަށް ލޯ ފާމެއް ހޯދަން އިޢުލާނުކޮށްފައިވަނީ، ސަރުކާރުން މިފްކޯގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިފްކޯގެ ސީއީއޯގެ މަގާމަށް ވަރަށް ފަހުން ޔޫކްރޭން ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޮވް ވަނީ ހަމަޖައްސާފައެވެ.









