ދިވެހިރާއްޖެއާއި އެސްޓޯނިއާ ސަރުކާރާ ދެމެދު ސައިބަރ ސެކިއުރިޓީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ. އެސްޓޯނިޔާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް މިނިސްޓަރު ލީސާ-ލީ ޕަކޮސްޓާއެވެ.
މި ފަހުމުނާމާގެ ދަށުން އިންފޮމޭޝަން ޓެކްނޮލޮޖީއާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، ސްމާޓް ޓެކްނޮލޮޖީ އަދި ސައިބަރ ސެކިއުރިޓީ ދާއިރާއިން ދެ ގައުމު ގުޅިގެން މަސައްކަތްކުރާނެއެވެ.
މި ފަހުމުނާމާގައި ސޮއިކުރެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގެ އަމާޒަކީ ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ވިޔަފާރީގެ އެއްބާރުލުން އިތުރުކުރެއްވުމާއި، ޑިޖިޓަލް ޓެކްނޮލޮޖީ، ސައިބަރ ސެކިއުރިޓީ، އީގަވަނަންސް އަދި މޫސުމާ ގުޅޭ މައްސަލަތަކުގެ އިތުރުން ތައުލީމީ ދާއިރާގައި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތުތައް ހޯއްދެވުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅު ނިމިވަޑައިގަންނަވާނީ މާދަމާއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.
މި ތާރީޚީ ދަތުރުފުޅަކީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.









