ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ (ޕީއެންސީ)އިން އުމުރުން 18 އަހަރު ނުވާ ކުދިންގެ ނަމުގައި ފޯމުތައް ފުރާކަމަށް ބުނެ އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހިމް ވަހީދު (މަދަނަ އިބުރޭ) ކުރެއްވި ތުހުމަތު ތަކަށް ދާޚިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ މިނިސްޓަރު އަލީ އިހުސާން ހަރުކަށި ރައްދެއް ދެއްވައިފިއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ އިބުރޭ ކުރައްވާފައިވާ ތުހުމަތަކީ އެއްވެސް ހަގީގަތެއް ނެތް، އަދި މިހާތަނަށް އެފަދަ ކަމެއް ހިތަށްވެސް ގެންނެވި ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ބޮޑެތި ދޮގު ތުހުމަތުތައް ކުރުމުގެ ބަދަލުގައި އެމްޑީޕީގެ ސިޔާސަތު ތަކުގެ ރަނގަޅު ވާހަކަ ދެއްކެވުމަށް ވަގުތު ހޭދަކުރުން މާ ރަނގަޅު ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އިބުރޭ ކުރެއްވި ތުހުމަތުގައި ވިދާޅުވެފައި ވަނީ މިއަހަރު 18 އަހަރު ފުރޭ ކުދިންގެ މައުލޫމާތު ޑީއެންއާރުން ހޯދައި، މިނިސްޓަރު އިހުސާނުގެ ބެލުމުގެ ދަށުން އެކުދިންގެ ނަމުގައި ފޯމުތައް ފުރައި، 18 އަހަރު ވުމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ޕީއެންސީ އޮފީހުގައި ތައްޔާރުކޮށްފައި ހުރި ކަމަށެވެ.
މަދަނަ އިބުރޭގެ ދޮގިތަކަުގެ ޙަޤީޤަތް ހާމަ ކުރައްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ މިފަދަ ކޮންމެ ދޮގު ވާހަކައަކަށް ޖަވާބު ދިނުމުގެ ވަގުތު ނުވަތަ ފުރުސަތު ނުލިބިދާނެ ކަމަށެވެ.
ޕީއެންސީގެ އޮފީހުން ބުނީ، އެ އޮފީހުގައި 18 އަހަރު ނުވާ އެއްވެސް މީހެއްގެ ފޯމެއް ނެތް ކަމަށާއި ހުށަހަޅާފައި ވެސް ނެތް ކަމަށެވެ. "މިއީ އެއްވެސް އަސާސެއް ނެތް، ސީދާ ދޮގު ތުހުމަތެއް. އަޅުގަނޑުމެންގެ އޮފީހުގައި އެފަދަ އެއްވެސް ފޯމެއް ނެތް. އަދި އެފަދަ ކަމެއް ކުރާކަށް ގަސްތުވެސް ނުކުރަން. އެމްޑީޕީން އެފަދަ ދޮގު ވާހަކަތައް ދައްކަނީ ސަމާލުކަން ހޯދަން ނުވަތަ ފިތުނަ އުފައްދަން. ފަހަރުގައި ވެދާނެ އިބުރޭ އަށް ގޯސް މަޢުލޫމާތެއް ލިބިވަޑައިގެން އެހެން ވިދާޅުވީ ކަމަށް ވެސް"
އިތުރަށް އެ އޮފީހުން ފާހަގަކުރެއްވި ގޮތުގައި، މާޒީގައި މަދަނަ އިބުރޭމެން ނިސްބަތްވާ ޕާޓީ (އެމްޑީޕީ) އިން އެފަދަ ކަންތައް ކޮށްފައިވާ ކަމަށް މީހުން ކުރިން ތުހުމަތު ކޮށްފައި ވެސް އެބަހުއްޓެވެ. "މިއީ އަޅުގަނޑުމެންނަށް އައު ކަމެއް ނޫން. ކުރީގައިވެސް މަދަނަ އިބުރޭމެން ނިސްބަތްވާ ޕާޓީއިން މިކަހަލަ ކަންތައް ކުރި ކަމަށް ތުހުމަތުކުރެވިފައި އެބަހުރި. އެކަމަކު މިހާރު އެމީހުން އެ ތުހުމަތު ކުރަނީ އަޅުގަނޑުމެންނަށް. މިއީ ހަމަ ސީދާ ސިޔާސީ ބޭނުމަށް ކުރާ ދޮގު ތުހުމަތުތަކެއް،"
އެމްޑީޕީގެ ވެރިކަމުގައި ޑީއެންއާރުގެ ޑޭޓާތައް ނަގައިގެން ވަގަށް ފޯމުތައް ފުރައި އެ ޕާޓީއަށް އެތައް ބަޔަކު މީގެ ކުރިން ވައްދާފައި އެބަހުއްޓެވެ. އެކަމުގެ ޝަކުވާ ވެސް އެތައް ބަޔަކު ވަނީ އިލެކްޝަންސް ކޮމިޝަނުގައި ދަންނަވާފައެވެ.









